އަހަރުގެ މިހާތަނަށް އޮސްޓްރެލިއާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު %13 އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި، މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ވަނީ 40،490 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރު ނިމުނު އިރު އެޤައުމުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އަދަދާ އަޅާ ބަލާއިރު %13 އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެ ޤައުމުން ޒިޔާރަތް ކޮށްފައިވަނީ 35،818 ފަތުރުވެރިންނެވެ.
އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދަކަށް އައި ކުރިއެރުމާއެކު އެޤައުމުން މިހާރު ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ޤައުމުގެ ލިސްޓުން ޖާގަ ހޯދާފައެވެ.
އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 10 ޤައުމު
1- ޗައިނާ
2- ރަޝިޔާ
3- އިނގިރޭސިވިލާތް
4- ޖަރުމަންވިލާތް
5- އިޓަލީ
6- އިންޑިޔާ
7- އެމެރިކާ
8- ފްރާންސް
9- ސްޕެއިން
10- އޮސްޓްރޭލިއާ
މިދިޔަ އަހަރު ނިމުނު އިރު އޮސްޓްރޭލިއާއަކީ ރާއްޖެއަށް 12 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.



