އިންޓަނެޓް ސްކޭމްތައް ދެނެގަތުމަށްޓަކައި ދިރާގުން ”ނެޓްޕްރޮޓެކްޓް“ ގެ ނަމުގައި ހިދުމަތެއް ތައާރަފްކޮށްފިއެވެ.
ދިރާގު ”ނެޓްޕްރޮޓެކްޓް“ އަކީ މޮބައިލް ފޯނަށް އެސްއެމްއެސް އާއި ސޯޝަލް އެޕްތަކުން އަންނަ ފިޝިން ލިންކްތަކަށް ފިތާލެވިގެން ލިބިދާނެ ގެއްލުންތަކުން އަދި އިންޓަނެޓް ބޭނުން ކުރާއިރު ރައްކާތެރި ނޫން ވެބްސައިޓުތަކުން ރައްކާތެރިކޮށްދޭ ހިދުމަތެކެވެ.
އެގޮތުން ލިންކަކަށް ފިއްތާލުމުން އެ ވެބްސައިޓަކީ ރައްކާތެރި ވެބްސައިޓެއް ނޫން ކަމުގައިވާނަމަ ދިރާގު ނެޓްޕްރޮޓެކްޓްގެ އެހީގައި އެ ވެބްސައިޓް ލޯޑްވުމުގެ ކުރިން ކަސްޓަމަރަށް އެކަން އަންގައިދޭނެއެވެ.
އެ ހިދުމަތް މިހާރު ހޯދަމުންދާ ކަސްޓަމަރުންނަށް މިދިޔަ ނޮވެމްބަރު މަހު އެކަނި ވެސް 9 މިލިއަނަށް ވުރެ ގިނަ ސެކިއުރިޓީ ތްރެޓް ދެނެގަނެވި ރައްކާތެރިކަމާ އެކު ބްރައުޒް ކުރެވޭނެ މަގު ތަނަވަސްކޮށްދީފައިވާ ކަމަށް ދިރާގުން ބުނެފައިވެއެވެ. މި ހިދުމަތަކީ އޭއައިގެ އެހީގައި އިންޓަނެޓްގެ ތްރެޓްތައް ނުވަތަ ނުރައްކާތެރި ވެބްސައިޓްތަކުގެ މައުލޫމާތު އަބަދުވެސް އަޕްޑޭޓުކޮށް، އެންމެ ފަހުގެ ނުރައްކާތަކަށް އަހުލުވެރި ސޮފްޓްވެއާއެކެވެ.
މިއީ ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިން ވެސް އިންޓަނެޓް ބޭނުން ކުރާއިރު ރައްކާތެރިކަން ކަށަވަރު ކުރުމުގައި އެހީތެރިވެދޭ ހިދުމަތެކެވެ. މި ހިދުމަތުގެ އެހީގައި ކުޑަކުދިންނާ ނުގުޅޭ ކޮންޓެންޓާއި ކުދިންނަށް ރައްކާތެރި ނޫން ވެބްސައިޓުތައް ދެނެގަނެ، އެފަދަ ސައިޓުތަކަށް ނުވަދެވޭނެހެން ބްލޮކް ކުރެވޭނެ އެވެ. އަދި ވަކި ވެބްސައިޓުތަކަށް ވަދެވޭނެ ވަގުތު ކަނޑައަޅައި، ބައެއް ވަގުތުތަކުގައި އެ ވެބްސައިޓް ބްލޮކް ކުރެވޭނެ އެވެ.




