މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ވެސް 10 މަސާޖު ޕާލާއެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަން އިއްޔެ ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މާލޭގައި ހިންގަމުން ދިޔަ 10 ތަނެއް ބަލައި ފާސްކޮށް، 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
ފާއިތުވީ ދުވަސްތަކުގައި އިމިގްރޭޝަނުން ވަނީ މާލޭގައި ހިންގާ ގިނަ ޕާލަރުތަކަކާއި ސްޕާތަކެއް ބަލައިފާސްކޮށް އެތައް ބިދޭސީންނެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިފަދަ ވިޔަފާރިތަކުގައި ނުޤަވައިދުން އުޅޭ ބިދޭސީން ހައްޔަރުކޮށް އޮންނަ އުޞޫލުން އެ ފަރާތްތައް ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި އޮޕަރޭޝަނުގެ ދަށުން 52 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއުޒު ވެސް ވަނީ ވިދާޅުވެފައެވެ.



