މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރު 1.1 ޓަނުގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިހުސާން މިހެން ވިދާޅުވެފައިވަނީ ހޯމް މިނިސްޓްރީގެ ފަރާތުން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ އިހުސާން ވިދާޅުވީ އެ މިނިސްޓްރީގެ ފަރާތުން އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ ރާއްޖެ، ޑްރަގްގެ ވަބާއިން ސަލާމަތް ކުރުން ކަމަށެވެ.
”މިދިޔަ ދެ އަހަރު ތެރޭގައި ކުރެވުނު މަސައްކަތުން ގާތްގަނޑަކަށް 1.1 ޓަނުގެ މަސްތުވާތަކެތި، އެއީ މަގުމަތީ އަގުގެ 2.2 ބިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި މިވަނީ ހިފެހެއްޓިފަ.“ މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއީ ތާރީޙުގައި ވެސް މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފެހެއްޓުނު ފުރަތަމަ ފަހަރު ކަމަށެވެ.
މިއަދު ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމަކީ، ހޯމްލޭންޑް މިނިސްޓްރީއާއި، ފުލުހުން، ކަރެކްޝަނަލް ސާވިސަސް، އިމިގްރޭޝަން އަދި ކަސްޓަމްސް ވެސް ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.



