ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން، އެފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވުމަށް ނިންމާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ (ރޓ) އަހުމަދު ފަސީހް މިއަދު ވިދާޅުވެއްޖެއެވެ.
ހޯމްލޭންޑް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ފަސީހް ވިދާޅުވީ އަންނަ މަހުން ފެށިގެން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން އެފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މެސެޖާއެކު ޕާސްޕާޓު އައު ކުރުމަށް ބޭނުންވާ އެޕްލިކޭޝަން ލިންކުވެސް ފޮނުވޭނެކަަމަށެވެ.
ޕާސްޕޯޓުގެ ގިނަ މައްސަލަ ދިމާވަނީ ފަރުދީ ޒިންމާ ނުއުފުލާތީ. ޕާސްޕޯޓުގެ މުއްދަތު އޮންނަނީ 5 އަހަރަށް. އެކަމަށްވެސް ޖަނަވަރީމަހުގައި ހައްލެއް މި ގެންނަނީ. ޖަނަވަރީއިން ފެށިގެން ކޮންމެ މީހެއް ފޯނަށް ނޮޓިފިކޭޝަނެއްދާނެ މުއްދަދަތު ހަމަވަނީ އޭ. 6 މަސްދުވަހޭ ބާކީ އޮތީ. އަވަހަށް ޕާސްޕޯޓު ހައްދަވާށޭ.“ ފަސީހް ވިދާޅުވިއެވެ.
މީގެއިތުރުން، ފަސީހް ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް، އަންނަ މަހުން ފެށިގެން ޕާސްޕޯޓަށް ހުށަހަޅާތާ 24 ގަޑިއިރުތެރޭ ޕާސްޕޯޓު ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށެވެ. އެގޮތުން، މާލެ ސަރަހައްދުުގައި 250،000އެއްހާ މީހުން ދިރިއުޅޭކަން ފާހަގަކުރައްވާ ފަސީހް ވިދާޅުވީ، އިމިގްރޭޝަނުން މަސައްކަތްކުރައްވަނީ އަންނަ މަސްތެރޭ އެ މަސައްކަތްވެސް ފެށުމަށްކަމަށެވެ.
”އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގަ 24 ގަޑިއިރު ތެރޭ އެމީހަކު އެޕްލިކޭޝަން ފުރިހަމަކުރާތާ 24 ގަޑިއިރުތެރޭ ޕާސްޕޯޓު އެމީހާއަށް ލިބުން. އެއީ ގްރޭޓަރ މާލެ ސަރަހައްދުން. އުއްމީދަކީ ޖެނުއަރީމަހު މި މަސައްކަތް ފެށޭނެކަމަށް“. ފަސީހް ވިދާޅުވިއެވެ.




