ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ ޓަވަރުތަކުގައި އިތުރު ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.
އެޗްޑީސީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަަށް ޓަވަރުތަކުގައި އިތުރު ސީސީޓީވީ ކެމެރާތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ކެމެރާތާކުގެ އެހީގައި ހިޔާ ސަރަހައްދު މޮނީޓާކޮށް ބެލެހެއްޓުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމުގައި ވެސް އެޗްޑީސީން ބުނެފައިވެއެވެ.
އެގޮތުން މިފަހަރު ސީސީޓީވީ ކެމެރާ ހަރުކުރަނީ ހިޔާގެ ޓަވަރުތަކުގެ ބޭރުގައެވެ.
ހިޔާގެ ޓަވަރުތަކުގެ އެތެރޭގައި ކޮންމެ ފުލޯއަކާއި ސިޑިގޮޅިތަކާއި ލިފްޓުތަކާއި ބޭސްމަންޓުގައި މިހާރު ވެސް ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރެއެވެ.
ހުޅުމާލޭގެ މަގުތަކާއި އާންމު ތަންތަނާއި އިމާރާތްތަކުގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓަން އެސްޓޭޓް ސެކިއުރިޓީގެ ހިދުމަތް ވެސް އެޗްޑީސީން މި ހަފުތާގައި ވަނީ ތައާރަފުކޮށްފައެވެ.




