ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިވަގުތު ބަންދުން ދޫކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ ބިދޭސީ މީހާގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލައި، އޭނާ ދޫކޮށްލި ކަމަށް ތުހުމަތުކޮށް ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރީ މިއަހަރުގެ މާރިޗް މަހު ގައެވެ. އަދި މިވަގުތު ޝަމްއާން ހުރީ އެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.
ޝަމްއާންގެ ބަންދު މުރާޖައާ ކުރަން އެދިފައިވީނަމަވެސް، މިއަދު ބޭއްވި އަޑުއެހުމުގައި ކޯޓުން ނިންމީ މިވަގުތު އޭނާ ބަންދުން ދޫކުރެވެން ނެތް ކަމަށެވެ. ނަމަވެސް ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމުން ޝަމްއާން ދޫކޮށްލަން އިއުތިރާޒެއް ނުކުރާނެ ކަމަށް ދައުލަތުން މިއަދުގެ އަޑުއެހުމުގައި ބުނެފައިވެއެވެ.
ޝަމްއާންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާ ކުރާއިރު، އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އަދި މީގެ ކުރިން މި މައްސަލައިގައި ބައެއް ހެކިންގެ ހެކިބަސް ވަނީ ނަގައިފަ އެވެ.




