ހުޅުމާލޭ ފޭސް 2 ގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ރުފިޔާ އޭޓީއެމްއަކާއި ޑޮލަރު އޭޓީއެމްއެއް ބަހައްޓައި ހިދުމަތް ދޭން ފަށައިފިއެވެ.
ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ހުޅުމާލޭ ފޭސް 2 ގައި ރަސްމީކޮށް ފެށުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދައުލަތުގެ ބައެއް ވަޒީރުންނާއި، ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި، ބީއެމްއެލްގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހިޔާ ފްލެޓް ޓަވަރު 6 އަދި 7 ގެ ދެމެދުގައި ހުޅުވާފައިވާ އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި އެކު ހިޔާގައި ތަރައްޤީކޮށްފައިވާ އޭޓީއެމުން ޑޮލަރުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.



