އާރްޑީސީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން 4 ރަށެއްގައި ހިންގާ ކުޅިވަރު މަޝްރޫޢުތަކުގެ އަޕްޑޭޓް ދީފިއެވެ.
އާރްޑީސީން އިއްޔެ ވަކިވަކިން ކުރި ހަތަރު ޕޯސްޓެއްގައި ވަނީ އެ ކުންފުނީގެ ޕީއެސްއައިޕީގެ ދަށުން 4 ރަށެއްގައި ހިންގާ ކުޅިވަރު މަޝްރޫޢުތަކުގެ އަދާހަމަ ހިއްސާކޮށްފައެވެ.
އެގޮތުން އާރްޑީސީން ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އއ. މާޅޮހުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމްގެ މަސައްކަތްތަކުގެ ތެރެއިން، ކޮންކްރީޓް ކީވޯލްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ހއ. ދިއްދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްތަކުގެ ތެރެއިން، ރޫފް ބީމްގެ ކޮންކްރީޓްގެ މަސައްކަތް އެ ކުންފުނީގެ ޕީއެސްއައިޕީގެ ދަށުން ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
ހަަމައެހެންމެ އެ ކުންފުނީގެ ޕީއެސްއައިޕީގެ ދަށުން ގދ. ގައްދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްތަކުގެ ތެރެއިން ފުޓިންގ އަދި ފައުންޑޭޝަންގެ މަސައްކަތް ކުރުމަށް ބިން ކޮނުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށްވެސް އާރްޑީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ކުންފުނީގެ ޕީއެސްއައިޕީގެ ދަށުން ޅ. ހިންނަވަރު ފުޓްސަލް ދަނޑުގެ މަސައްކަތްތަކުގެ ތެރެއިން ބިން ލެވެލް ކުރުމާއި ޕްލާސްޓަރިން އަދި ޕޮލިޝިންގެ މަސައްކަތްކޮށްފައިވާ ކަމަށް އާރްޑީސީން ބުނެފައި ވެއެވެ.



