އެމެރިކާގެ ރޯޑް އައިލެންޑްގައި ހުންނަ ބްރައުން ޔުނިވަސިޓީއަށް ހަ ދުވަސް ކުރިން ހަމަލާދީ ދަރިވަރުންތަކެއް މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާ ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
އެމީހާ ހޯދަން ފުލުހުން ބޮޑު އޮޕަރޭޝެއް ހިންގަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނީ ނިއު ހެމްޝަޔާގެ ގުދަން ފެސިލިޓީއެއްގެ ތެރެއިންނެވެ.
ފުލުހުން ބުނީ އެއީ އުމުރުން 48 އަހަރުގެ ޕޯޗުގަލްއަށް ނިސްބަތްވާ ކްލައުޑިއޯ ނީވްސް ވެލެންޓީ ކިޔާ މީހެއް ކަމަށެވެ.
މި މަހުގެ 13 ވަނަ ދުވަހު މި ވެލެންޓީ ވަނީ ބްރައުން ޔުނިވަސިޓީއަށް ވަދެ ބަޑިން ހަމަލާދީ ދެ ދަރިވަރަކު މަރާލައި، އިތުރު ނުވަ މީހަކު ޒަހަމްކޮށްލާފައެވެ. ވެކެންޓީ އަކީ މީގެ 25 އަހަރު ކުރިން އެ ޔުނިވަސިޓީގައި ތައުލީމު ހާސިލުކޮށް، ފިޒިކްސް އިން ޕީއެޗްޑީ ހަދާފައިވާ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ބްރައުން ޔުނިވަސިޓީއަށް ހަމަލާ ދިންތާ ދެ ދުވަސް ފަހުން، މެސެޗޫސެސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)ގެ ޕްރޮފެސަރަކަށް ވެސް ވެލެންޓީ ހަމަލާދީ މަރާލާފައިވެއެވެ.
ފުލުހުން ބުނީ، ވެލެންޓީ މަރުވެފައި އޮއްވައި ފެނުނު އިރު، އޭނާގެ ހަށިގަނޑުގެ ދެ ތަނަކަށް ވަޒަން އަރާފައި ހުރި ކަމަށާއި، އޭނާ މަރުވީ އަމިއްލަ އަށް ބަޑި ޖަހައިގެން ކަމަށް ބެލެވޭ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




