ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން މިއަދު ކަލާފާނު ސްކޫލުގައި ފަށައިފިއެވެ.
ގޯތިތަކުގެ ގުރުއަތު އަލުން ނެގުމަށް ނިންމީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ގެނެވުނު ބަދަލާއި، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރެއް ކަނޑައެޅިގެންދާނެތީއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 698 ގޯތި ދޫކުރާނެކަމަށް ހައުސިންގް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން 3 ވަނަ ފިޔަވަހިން 7 ސައިޒެއްގެ 698 ގޯތީގެ ގުރުއަތުލުމަށްވަނީ ނިންމާފައެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން
– 1650 އަކަފޫޓުގެ 181 ގޯތި
– 2050 އަކަފޫޓުގެ 242 ގޯތި
– 2450 އަކަފޫޓުގެ 132 ގޯތި
– 2850 އަކަފޫޓުގެ 62 ގޯތި
– 3250 އަކަފޫޓުގެ 41 ގޯތި
– 3650އަކަފޫޓުގެ 16 ގޯތި
– 4000 އަކަފޫޓުގެ 24 ގޯތި
ހައުސިންގް މިނިސްޓްރީން ބުނީ ގޯތިލިބޭ ފަރާތްތަކަށް ލިބޭ ޕްލޮޓްގެ ގުރުއަތުނެގުމުގެ ކަންކަން ކުރިއަށް ގެންދަނީ އެ މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ވަދެވޭނީ ކޮންމެ ޕްލޮޓަކަށް 01 ފަރާތެވެ. އަދި ގޯތި ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާން ބޭނުންވާނަމަ، އެކަން އަންގައިދޭ ލިޔުމާއި، ގޯތީގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީގެ އިތުރުން ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއާއެކު ހާޒިރުވުމުން، ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް އެފަރާތަކަށް ވަދެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.



