ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަމުން ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާދަމާ ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން އަންނަ އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާއި މާދަމާ ރޭ ބައްދަލުކުރައްވާނެ ކަމަށެވެ.
އެގޮތުން މި ބައްދަލުވުން އޮންނާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރެހެންދި ސުކޫލުގައި މާދަމާ ރޭ 8:30 ކަމަށާއި ސަރުކާރުގެ ފަރާތުން، މި ބައްދަލުވުމަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް މުޢިއްޒު ވަޑައިގަންނަވައި، އެމަނިކުފާނު މިހާރު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ވެސް ބައްދަލުކުރައްވަމުންނެވެ. އެގޮތުން، އެންމެ ފަހުން ބައްދަލުކުރައްވައިފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއެވެ.



