އެސްއެމްއީ ޑިޖިޓަލް އިން ކަނޑު އުޅަނދު ގަންނަ ފަރާތްތަކަށް ޚާއްސަ ސްކީމެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެގޮތުން އެކުންފުނިން ވަނީ މި ސްކީމް ހިމެނޭހެން މުޅިން އަލަށް ދެ ސްކީމެއް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޑިޖިޓަލްކޮށް ”އެސްއެމްއީ ޑިޖިޓަލް“ގެ ނަމަށް ރީބްރޭންޑްކުރީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ. އެކުންފުނި ރީބްރޭންޑްކޮށް ކުންފުނި މިހާރު ހިންގަމުންދަނީ ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީއެއްގެ ގޮތުގައެވެ. މިއާއެކު އެކުންފުނިން ދެމުން އަންނަ ޚިދުމަތުގެ ފެންވަރު މަތިކުރުމާއެކު އައު ޚިދުމަތްތައް ތަޢާރަފް ކުރުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިމަސައްކަތުގެ ތެރެއިން އެކުންފުނިން ފޯރުކޮށްދޭ ފައިނޭންސިންގ ފެސިލިޓީތައް އިސްލާމީ ޝަރީއާއާ އެއްގޮތަށް ދޭ ފެސިލިޓީތަކަށް ބަދަލުކުރުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެސްއެމްއީ ޑިޖިޓަލްއިން ވަނީ މިމަސައްކަތްތަކާއެކު އައު 2 ސްކީމެއް ތަޢާރަފް ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފައެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، އެސްއެމްއީ ޑިޖިޓަލްގެ ގަވަރމަންޓް ޕޯޓްފޯލިއޯ އިންޗާޖް އާމިނަތު މުހާ ވިދާޅުވީ ކުންފުނިން ދެމުންދާ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަނޑު އުޅަނދު ގަތުމަށް ފައިނޭސް ސްކީމެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
“ އަޅުގަނޑުމެން މިހާރު ވަރަށް އަވަހަށް ލޯންޗު ކުރުމަށް މަސައްކަތް ކުރަމުން އެބަ ގެންދަން ވެސަލް ފައިނޭންސިން ސްކީމެއް. މިހާރު ލޯންޗު ކުރުމުގެ އެންމެ ފަހުގެ މަސައްކަތް ކުރަމުން މިދަނީ. ކަސްޓަމަރު ވެސަލްއެއް ނުނީ ކަނޑު އުޅަނދެއް ގަންނަން ބޭނުންވިއްޔާ ނުވަތަ ބަންނަން ބޭނުންވިއްޔާ، އެއަށް ބޭނުންވާ ސާމާނު މެޝިނަރީސް ނުވަތަ އިންޖީނު ވިޔަސް ގަތުން މީގެ މައިގަނޑު މަޤްޞަދަކަށް މިއިންނަނީ “ މުހާ ވިދާޅުވިއެވެ.
މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ޕީއޯއެސް ބޭނުންކުރާ މިންވަރަށް ބިނާކޮށް މާޗެންޓުންނަށް ޚާއްސަ ފައިނޭންސް ސްކީމެއް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ތަޢާރަފްކޮށްފައިވާ ދަނޑުވެރިކަމުގެ ސްކީމުގެ އިތުރަށް ޝަރީޢާއަށް ފެތޭ ދަނޑުވެރިކަމުގެ ފައިނޭންސް ސްކީމެއް ތަޢާރަފް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.


