އެސްޓީއޯގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގެ ވިޔަފާރި ސެގްމެންޓްތަކުގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ އިނާމްތަކެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ފަރާތުން، މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް ޝޯރޫމްގައި ވަރަށް ހާއްސަ ސޭލްއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުންޏެވެ.
މިގޮތުން، ހޮވާލެވިފައިވާ ޕްރޮޑަކްޓްތަކަކުން %70 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި މީގެ އިތުރުން، މި ދެ ޝޯރޫމުން އެންމެ މަތިން ވިޔަފާރި ކުރާ 2 ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ދިނުމަށް ހަމަ ޖެހިފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ. މި ހަރަކާތް ކުރިއަށް ދާނީ 21 ޑިސެމްބަރު 2025 ވާ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.
މީގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައިވެސް ވަރަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕީޕަލްސް ޗޮއިސުން މިއަދު (20 ޑިސެމްބަރު 2025) ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް ފިލިޕްސް ސައުންޑް ބަރ އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކުރިއަށް އޮތްތާ ވެސް އެސްޓީއޯއިން 61 ވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން މާލެ އަދި ހުޅުމާލެ ސަރަހައްދު ހިމެނޭ ގޮތަށް އެކި ހަރަކާތްކަށް ހިންގުމަށް ވަނީ ރާވާފައެވެ. މި ހަރަކާތްކަގެ އެންމެ ފަހުގެ މައުލޫމާތުތައް އެސްޓީއޯގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އާއްމު ކުރެވިގެންދާނެ ކަމުގައި އެ ކުންފުނިން ބުންޏެވެ.
މި އަހަރުގެ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ އެންމެ ހާއްސަ އެއް ހަރަކާތަކީ އެސްޓީއޯއިން ކުރިއަށް ގެންދާ ”ސްކެވެންޖަރ ހަންޓް“ އެވެ. އެގޮތުން އެސްޓީއޯގެ ސޯޝަލް މީޑިއާ ޕޭޖްގައި އާއްމުކުރެވޭ އަދި އެސްޓީއޯގެ ވިޔަފާރި ސްގްމެންޓްތަކުގެ އައުޓްލެޓްތަކުގައި (އެސްޓީއޯ ޕީޕަލްސް ޗޮއިސް، މާލޭ މަކިޓާ ޝޯރޫމް އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރ) ފޮރުވިފައިވާ ”ހިންޓްތައް“ ބޭނުން ކޮށްގެން އަރަތެއް ފުރިހަމަ ކުރެވޭ ފުރަތަމަ ފަރާތައް އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހިޓާޗީ ނުވަތަ ޑައިސަންގެ ވަރަށް ހާއްސަ އިނާމެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.




