އީރާނުގެ ރަށެއް ކަމުގައިވާ ހޮރްމުޒްއަށް ބޯކޮށް ވާރޭވެހި، ރަށުގެ ބީޗާއި ކަނޑުގެ ލޮނުގަނޑުގެ ކުލަ ރަތް ކުލައަށް ބަދަލުވެއްޖެއެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ވެހުނު ވާރެއާއެކު، އެރަށުގައި ހުރި ގަދަ ރަތް ކުލައިގެ ފަރުބަދަތަކުން އޮހޮރިގެން އައި ފެނުގެ ކުލަ ވަނީ އެއްކޮށް ރަތްކުލައަށް ބަދަލުވެފައެވެ.
މި ހިތްގައިމު އަދި ތަފާތު މަންޒަރު ބަލައިލުމަށް ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ފޮޓޯގްރާފަރުން މިހާރުވެސް ދަނީ އެ ސަރަހައްދަށް ޒިޔާރަތް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން، ފަރުބަދަތަކުން އޮހޮރިގެން އައި ފެން ރަތްކުލައިގައި ހުރީ އޭގައި ގިނަ އަދަދަކަށް އަޔަން އޮކްސައިޑް ހުރުމުންނެވެ. އިރާނުގެ ރަށްތަކަކީ އަޔަން އޮކްސައިޑް ފަދަ ބޭނުންތެރި ކެމިކަލްތަކުން މުއްސަދިވެފައިވާ ބިންތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، އެރަށުގެ ބީޗާއި މޫދުގެ ވަކި ހިސާބަކުން ކުލަ ބަދަލުވެފައިވާ މަންޒަރު ވީޑިއޯތަކުން ފެނިގެންދެއެވެ.
އިރާނުގެ ވެރިރަށް ތެހެރާނުން ދެކުނަށް ގާތްގަނޑަކަށް 1،080 ކިލޯމީޓަރު (670 މޭލު) ދުރުގައި އޮންނަ ހޮރްމުޒް އަކީ ގަދަ ރަތްކުލައިގެ ވެއްޔާއި ފަރުބަދަތަކަށް މަޝްހޫރު ތަނެކެވެ.
ރިޕޯޓްތައް ބުނާގޮތުގައި އެރަށަށް އާންމުކޮށް ވާރޭ ވެހޭނީ ހޫނު މޫސުމުގައި ނޫނީ އަހަރުގެ ކުރީކޮޅުގައެވެ. އެހެންނޫނީ އެރަށަށް ވާރޭ ވެހޭނީ ވަރަށް މަދުންނެވެ.


