ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގެ ޖާގަ 140 އަށްވުރެ އިތުރުވާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ދަށުގައިވާ އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޒަރީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި ފަހުން ޖަލުތަކަށް 124 ޖާގަ އިތުރުކޮށްފައިވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ހުޅުމާލެ ޖަލަށް 70 ޖާގަ އަދި މާލެ އަތޮޅު ހިންމަފުށީގައި ހުންނަ ޖަލަށް 70 ޖާގަ އިތުރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ޒަރީރު ފާހަގަކުރެއްވިއެވެ.
ޒަރީރު ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ ޖަލަށް ޖާގަ އިތުރު ކުރަނީ ކުރީގެ ކޮވިޑު ފެސިލިޓީ ބޭނުން ކޮށްގެންނެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ކޯޓުތަކަށް ގެންނަންޖެހޭ ޤައިދީން ގެނެސް، ޝަރީޢަތްތައް އަވަސް ކުރުމަށް މަގުފަހިކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖަލުތަކުގެ ޖާގަ ބޮޑުވުމާއެކު ދުވާލަކު 50 މީހުން ޙާޒިރު ކޮށްގެން ޝަރީޢަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޒަރީރު ވިދާޅުވިއެވެ. މިހާރުވެސް ދުވާލަކު 50 އާއި 70 އާ ދެމެދުގެ އަދަދަކަށް އޮންލައިންކޮށް ޝަރީޢަތްތައް ބާއްވާކަން ޒަރީރު ފާހަގަކުރެއްވިއެވެ.
ކަރެކްޝަނަަލް ސަރވިސްގެ މައި ދެ ޖަލު ރަށްރަށުގައި ހުރުމުގެ ސަބަބުން ޤައިދީން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ދަތިތަކެއް ދިމާވާކަން ފާހަގަކުރައްވާ، ޒަރީރު ވިދާޅުވީ މިހާތަނަށް އެއްވެސް ސަރުކާރަކުން ކަރެކްޝަންސްގެ އުމްރާނީ ވަސީލަތްތައް ވަރުގަދަ ކުރުމަށް މަސައްކަތްކޮށްފައިނުވާ ކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުން މިފަދަ ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ޖަލުތަކުގެ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް މަސައްކަތް ކުރައްވާކަމަށް ޒަރީރު ވިދާޅުވިއެވެ.
ޒަރީރު އިތުރަށް ވިދާޅުވީ، ޤައިދު ކުރުމަކީ މީހުންގެ ޙައްޤުތައް ނިގުޅައިގަންނަންޖެހޭ ކަމެއް ނޫން ކަމަށާއި، ޖަލުތަކާއި ޤައިދީންގެ ޙާލަތު ރަނގަޅު ކުރުމަށް ކަރެކްޝަންސްއިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.



