ކ. ގުރައިދޫ ކައިރިން 7 ފޫޓުގެ ކިނބުލެއް ހިފައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި އެކިނބޫ ހިފާފައިވަނީ މަހަށް ނިކުމެ އުޅުނު ގުރައިދޫގެ ޒުވާނުންތަކެކެވެ.
އެ ކިނބޫ ހިފުމަށްފަހު، އެކަން އެމްއެންޑީއެފަށް ރިޕޯޓްކޮށް މިހާރު ކިނބޫ ވަނީ އެމްއެންޑީއެފްއާ ހަވާލުކޮށްފައި ކަމަށް ގުރައިދޫއިން ”ސައުވީސް“ އަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.
ރާއްޖޭގެ ސަރަހައްދުގައި ކިނބޫ ނޫޅުނުނަމަވެސް އަހަރުގެ އެކި ހިސާބުތަކުގައި އެކިވަރުގެ ކިނބޫ މަދުމަދުން ނަމަވެސް އަބަދުވެސް ދަނީ ފެންނަމުންނެވެ.
އަދި އެފަދަ ކިނބުލެއް ފެނިއްޖެ ނަމަ އޭތި ހިފައި، ރައްޔިތުންނަށް ގެއްލުމެއް ނުވާނެ ސަރަހައްދަކަށް ގެންދިޔުމުގައި ސިފައިން ހަރަކާތްތެރިވެއެވެ.
މިކަމާ ބެހޭގޮތުން ސިފައިން ބުނީ، ކ.ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން، ”ރަންމުތް“ ނަމަކަށް ކިޔާ ދޯންޏަކުން މިއަދު ހިފި ކިނބޫ ދަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް، ރާއްޖެއަށް ނާދެވޭގޮތަށް، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.



