ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން އިޓަލީގެ ގައުމީ އެއާލައިން, އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގްބާލް އާދަމްއެވެ. ރަސްމިއްޔާތުގައި އައިޓީއޭ އެއާވޭސްގެ އައުޓްސްޓޭޝަން ކޯޑިނޭޓަރ, ޑެނިއެލް ޕިރާސް އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓާމިނަލް 1 އިން އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 60ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ.

އަދި ޓާމިނަލް 1 އަށް ކައިރި ކުރި އައިޓީއޭއެއާވޭސްގެ ފުރަތަމަ ފްލައިޓް, AZ776 އިން ރާއްޖެ އައި 290 ފަސިންޖަރުންނަށްވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އައިޓީއޭ އެއާވޭސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިޓަލީގެ ދެވަނައެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 18 ޑިސެންބަރު 2022ގައެވެ.
އައިޓީއޭ އެއާވޭސް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 35 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.




