ބޯކޮށް ވާރޭވެހި ފ. ނިލަންދޫގައި ފެންބޮޑުވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭ ވެހި ނިލަންދޫގެ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެނުގެ އަސަރު ކުރަމުންދާ ކަމަށެވެ.
އެގޮތުން ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ބޯކޮށް ވާރޭ ވެހުމާއެކު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ ފަދަ މުދާ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލުކުރުމަށާއި ދަތުރަށް ނިކުންނައިރު ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެކި ގަޑިތަކުގައި މާލެއަށްވެސް އަންނަނީ ބޯކޮށް ވާރެވެހެމުންނެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ މިހާރު ކުރަމުން އަންނަ ވިއްސާރައަކީ އިރުވައި މޫސުން ފެށުމުން ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައެއް ކަމަށެވެ. އަދި މި ވިއްސާރަ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ.
މި ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ އާދީއްތައިގެ ފަހުންނެވެ.



