ދިވެހިރާއްޖޭގައި ހިނގަމުންދާ އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް، އައު ބާވަތްބާވަތުގެ މަސައްކަތްތައް ފަށައި، އައު އިންވެސްޓްމަންޓްތައް ކުރުމަށް 5 އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ޓޫރިޒަމް ފުޅާކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން އިތުރުކޮށް، ޓްރާންޝިޕްމަންޓް ޚިދުމަތް ފަދަ ކަންކަން ތަޢާރުފުކޮށް، ދަތުރުފަތުރުގެ ޚިދުމަތް ހަރުދަނާކުރުން ފަދަ ކޮންމެ ކަމަކުން އިތުރު ވަޒީފާތައް އުފެދި، ލިބޭ އާމްދަނީ މަތިވަމުންދާނެކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ބޮޑެތި ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި، ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި، ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ރާއްޖެއަށް ތަޢާރަުފުކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަޤްވާމީ މާރުކޭޓުތަކުން ފުރުޞަތު ލިބި، ދިވެހި މަސައްކަތްތެރީންނަށާއި ހުނަރުވެރީންނަށް ޤައުމުގައި ތިބެގެން ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހި ޤައުމަށް މަންފާލިބޭ އެކި ދާއިރާތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސައްކަތްކޮށްދެއްވަމުން ގެންދަވާ ހުރިހާ ދޭސީންނާއި ބިދޭސީންނަށް ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފަ އެވެ.



