ރާއްޖޭގައި ކުޑަކުދިން ބަލާނެ ކާޓޫނު ފިލްމާއި ގައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުމުން އެ ކަންބޮޑުވުމަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ކުޑަކުދިންނަށް ޚާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް އަންނަ އަހަރު ބާއްވަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒުގެ އެ ނިންމެވުން އިއުލާން ކުރެއްވީ ދިވެހިބަހާ ބެހޭ މިނިސްޓްރީން މި އަހަރު ބޭއްވި އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ އިނާމު ދިނުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ސަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އެގޮތުން އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދިވެހިބަހާއި ސަގާފަތާއި ތަރިކަ އާއި ތާރީހު ކުޑަކުދިންނަށް އުނގަންނައި ދިނުމުގައި ޒަމާނީ ގޮތްތައް ލިބިގަތުން މުހިންމު ކަމަށެވެ. ބަސް ދަސްކޮށްދިނުމަކީ ހަމައެކަނި ލިޔެފައިވާ ފިލާވަޅުތަކަކަށް ހަނިކުރެވިފައި އޮތުމުގެ ބަދަލުގައި، ދުނިޔޭގެ އެހެނިހެން ބަސްތައް ދަސްކޮށްދޭން ވެސް ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ގޮތްތައް އުފައްދަމުން އަންނަ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”ރާއްޖޭގައި ކުޑަކުދިން ބަލާނެ ކާޓޫނު ފިލްމު، ގައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުން އެއީ ބައެއް ބޭފުޅުން ފާހަގަކުރައްވާ ކަމެއް. ވަކިން ހާއްސަކޮށް ރާއްޖޭން ބޭރުގައި އުޅުއްވާ ދިވެހި އާއިލާތަކާއި ރާއްޖޭގައި ވެސް ބެލެނިވެރީން އޮފީހުގައި ގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާ ހާލަތްތަކުގައި ކުޑަކުދިންނަށް ފައިދާހުރި ވަގުތުތަކަށް އެ ވަގުތުތައް ބަދަލު ކޮށްލައްވަން ބެލެނިވެރީން ބޭނުންފުޅުވޭ،“ ރައީސް ވިދާޅުވިއެވެ.



