މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތަކާ އެކު، މާލެއިން ނޭޕާލްގެ ޒުވާން އަންހެނަކު ހައްޔަރުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ބަންދަށް އިއްޔެ ވަނީ ފަސް ދުވަސް ވެސް ޖަހާފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ އަންހެނެކެވެ.
ކޯޓުގެ އަމުރުގައިވަނީ އެ އަންހެން މީހާ ދިރިއުޅެމުން އައި އެޕާޓްމަންޓުން ޓްރެފިކިން މިންގަނޑަށް އަރާ ވަރަށް މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި، މަސްތުވާތަކެތި ކިރުމަށާއި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތައް ވެސް ފެނިފައިވާ ކަމަށެވެ.
މީގެއިތުރުން، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިހަށް އޭނާވަނީ ޕޮޒިޓިވްވެފައި ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
މި މައްސަލައިގައި ވަކީލެއް މެދުވެރިކޮށް ކުރިއަށްދާން އޭނާ އެދުމުން، ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުކުރަން ނިންމައިފައެވެ.



