ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން އެންމެ ފަހުން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މާފުކޮށްދީފިއެވެ.
އެޗްޑީސީން ބުނެފައިވަނީ ޖޫރިމަނާ މާފުކޮށްދީފައިވަނީ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ދަތިތައް ދިމާވެފައިވާ މީހުންނަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ މިހާރު ސަރުކާރުން މާފުފްކޮށްދީފައިވާ ކަމަށެވެ. ޖޫރިމަނާގެ ގޮތުގައި 1.9 މިލިޔަނެއްހާ ރުފިޔާ އަރާފައިވާކަމަށް ވެސް ވިދާޅުވިއެވެ. އަދި މާފްކޮށްދީފައިވަނީ މިިދިޔަ އަހަރުގެ ޖަނައަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިިދިޔަ މަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތަކެވެ.
މީގެއިތުރުން، ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން 2023 ވަނަ އަހަރު އަރާފައިވާ ޖޫރިމަނާތައް ވެސް ވަނީ އެއްކޮށް މާފުކޮށްދީފައެވެ.
ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3984 ރުފިޔާއެވެ. އަދި މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4984 ރުފިޔާއެވެ.
ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8،000 އެއްހާ ސޯޝަލް ހައުސިން ޔުނިޓުގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ އެންމެ 3،000 އެއްހާ ޔުނިޓުގެ ވެރިންނެވެ. އަދި ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށްވުރެ އިތުރު ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވެއެވެ.


