ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މަސްތުވާއެއްޗިއްސާއެކު މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ދިލާސާގެ / ތ. ހިރިލަންދޫ، މުޙައްމަދު ނަވާޒް (25އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިންނެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މުޙައްމަދު ނަވާޒްއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާއަތުގައި އޮތް ބެއަރ އެއް ބެލިބެލުމުން ފަހާފަހުރިކަމަށް ފާހަގަކުރެވިގެން، ބެލިބެލުމުން މަސްތުވާތަކެތި ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވެއެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މުޙައްމަދު ނަވާޒް އަކީ ފުލުހެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމާއެކު މުޙައްމަދު ނަވާޒްވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.




