މާލެ އާއި ހުޅުމާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 37 އުޅަނދެއް ޓޯކޮށްފިއެވެ.
ގަވާއިދާ ހިލާފަށް ޕާކް ކޮށްފައި ހުންނަ އުޅަނދުތަކުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނާއި ދަތުރުފަތުރު ކުރުމަށް ދިމާވާ ދަތިތަކަށް ހައްލެެއް ގެނައުމަށް ފުލުހުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ފިޔަވަޅުތަކުގެ ދަށުން ފުލުހުން އަންނަނީ މިފަދައިން ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ހާމަކުރި މައުލޫމާތަށް ބަލާއިރު، މި ހިނގާ ޑިސެމްބަރު މަހުގެ 18 އިން 19 އަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ހަމައެކަނި ހުޅުމާލެއިން 28 ސައިކަލް ވަނީ ޓޯކޮށްފައެވެ. އޭގެ ތެރެއިން 18 އުޅަނދަކީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރެގެން ނަގާފައިވާ އުޅަނދުތަކެވެ. އަދި ނުވަ އުޅަނދެއް ޓޯކުރީ ލައިސަންސް ނެތި ދުއްވައިގެން ކަމަށާއި، އެއް އުޅަނދަކީ ނުރައްކާތެރިކޮށް ދުއްވައިގެން ޓޯކުރި އުޅަނދެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން މަގުމަތީގެ ގަވާއިދުތަކާ ހިލާފުވެގެން 14 އުޅަނދެއް ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް މަގުތަކުގައި ބަހައްޓާފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު، ގަވާއިދުތަކަށް ބޯލެނބުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.



