އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ، 4100 ރުފިޔާ އާއި ”ހެއާކެއާ ޕްރޮޑަކްޓެއްގެ“ އިތުރުން ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފިއެވެ.
މި ތަކެތީގެ ވެރިފަރާތް ހޯދުމަށާއި ގެއްލިފައިވާ ތަކެތީގެ ތަފްސީލު ހާމަކޮށް ފުލުހުން މިއަދު ވަނީ އިއުލާނެއް ކޮށްފައެވެ.
ވެރިފަރާތް ހޯދާ މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެގޮތުން މި ތަކެތީގެ ތެރޭގައި މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެސްޓީއޯ ޓްރޭޑް ސެންޓަރު ކައިރިން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާ އާއި ހަމަ އެ ދުވަހު އަސްރަފީމަގުން ހޮވައިގެން ގެނެސްފައިވާ އެއާޕޮޑް ޕްރޯއެއް ހިމެނެއެވެ.
މީގެއިތުރުން ނޮވެމްބަރު 27 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު ވަދުފޮށި ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އޭ10 ބްރޭންޑުގެ މޯބައިލް ފޯނަކާއި ނޮވެމްބަރު 28 ވަނަ ދުވަހު ނޯތު ހާބަރުން ހޮވައިގެން ގެނެސްފައިވާ ވަޔަލެސް އިއާފޯނެއްގެ ވެރިފަރާތް ވެސް ފުލުހުން އަންނަނީ ހޯދަމުންނެވެ.
ހަމަ އެހެންމެ މި މަހުގެ ދެ ވަނަ ދުވަހު އަސަރީގޯޅިން ހޮވައިގެން ގެނެސްފައިވާ ދެ އެގްޒޯސްޓް ފޭން އާއި މި މަހުގެ ހަތަރު ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ ހެއާކެއާ އިކުއިޕްމަންޓަކާއި މި މަހުގެ 13 ވަނަ ދުވަހު ޝަހީދުއަލީ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޖެކް ހެމާއެއްގެ ވެރި ފަރާތް ވެސް އަންނަނީ ހޯދަމުންނެވެ.
މި މަހުގެ 15 ވަނަ ދުވަހު ވަދުފޮށި ކައިރިން ހޮވައިގެން ގެނެސްފައިވާ ވޮލީ ބޯޅަތަކަކާއި 17 ވަނަ ދުވަހު ވެސްޓުޕާކު ކައިރިން ހޮވައިގެން ގެނެސްފައިވާ 600 ރުފިޔާ އާއި ބިހުރޯޒުކަމަނާ މިސްކިތްކައިރީ ޕާކުކޮށްފައިހުރި ސައިކަލެއްގެ މަޑިމަތިން ފެނިފައިވާ އޮއްޕޯ ބްރޭންޑުގެ މޯބައިލް ފޯނަކާއި ތަޅުދަނޑިފައްޗެއްގެ ވެރި ފަރާތް ވެސް ފުލުހުން އަންނަނީ ހޯދަމުންނެވެ.
އަދި މި މަހުގެ ހަތަރު ވަނަ ދުވަހު ޗަމްޕާމަގުގައި ޕާކުކޮށްފައިހުރި ސައިކަލެއްގެ މަޑިމަތިން ފެނިފައިވާ ނަންބަރު އައިނަކާއި ހަމަ އެ ދުވަހު ވައިދެރި ހިނގުމުން ހޮވައިގެން ގެނެސްފައިވާ ޕިކަޕު ބެޓެރިއެއްގެ ވެރި ފަރާތް ވެސް އަންނަނީ ހޯދަމުންނެވެ.
މީގެ އިތުރުން މި މަހުގެ 16 ވަނަ ދުވަހު މާވެޔޮމަގުން ހޮވައިގެން ގެނެސްފައިވާ 3000 ރުފިޔާއާއި ހެއާކެއާ ޕްރޮޑަކްޓެއްގެ ވެރިފަރާތް ވެސް ފުލުހުން އަންނަނީ ހޯދަމުންނެވެ.



