ސްޓޭޓް ޓްރޭޑިންގް ކޮމްޕެނީ(އެސްޓީއޯ) އަށް، މި އަހަރުގެ ފުރަތަމަ މާލީ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 195 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފައެވެ.
އެސްޓީއޯއިން މިއަދު އާންމުކުރި އެކުންފުނީގެ ފުރަތަމަ ކުއާޓާގެ މާލީ ރިޕޯޓްގައިވާ ގޮތުންނަމަ، ޓެކްސްއަށް ކެނޑުމުގެ ކުރިން ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާއަކީ 235 މިލިއަން ރުފިޔާ އެވެ. މިއީ މީގެ ކުރީ ކުއާޓަރާއި އަޅާބަލައި 46 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 195 މިލިއަން ރުފިޔާ ލިބިފައި ކަން މާލީ ރިޕޯޓުން ދައްކަ އެވެ.
އެސްޓީއޯއިންވަނީ ފުރަތަމަ ކުއާޓާގައި ހިންގުމުގެ ޚަރަދުވެސް ބޮޑުތަނުން ކުޑަކޮށްފައެވެ. މީގެ ސަަބަބުން ހިންގުމުގެ ފައިދާވެސް ވަނީ އިތުރުވެފައެވެ.އެރިޕޯޓުން ދައްކާގޮތުން، އެސްޓީއޯ ހިންގުމުގެ ފައިދާގެ ގޮތުގައި 308 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ މީގެ ކުރީ ކުއާޓަރުގައި އަޅާބަލާއިރު 19 އިންސައްތައިގެ ކުރިއެރުމެކެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 4.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީވެސް ކުރީ ކުއާޓަރާއި އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ. މިހާބޮޑު ކުރިއެރުމެއް މިކުއާޓާގައި ލިބިފައިވަނީ، އެސްޓީއޯއިން ތެޔޮ ވިއްކި އަދަދު ނިސްބަތުން އިތުރުވެ، ވިޔަފާރީގެ ފެންވަރު މަތިވުމުގެ ސަބަބުންކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.



