މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ރަސްމީކޮށް ހުޅުވައިފިއެވެ.
މި ފެސިލިޓީ ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބުއެވެ.
މި ފެސިލިޓީ ހުޅުވުމަށް ފުވައްމުލަކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރާއި ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާތިފް ޝަކޫރާއި ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލީސް މެންބަރު އިބްރާހީމް ހުސައިނާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ހިމެނޭ ގޮތަށް ކައުންސިލްގެ މެންބަރުންނާއި ފުވައްމުލަކު މަސްވެރިން ބައިވެރިވިއެވެ.
މި ފެސިލިޓީއަކީ ސިއްހީގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ހިދުމަތްދެވޭގޮތަށް ގާއިމުކޮށްފައިވާ ތަނެކެވެ. އެގޮތުން، މި ފެސިލިޓީއަށް އެމްއެފްޑީއޭ (MFDA) އިން ވަނީ ހުއްދަ ދީފައެވެ.
މިފްކޯއިން ބުނިގޮތުގައި، މި ފެސިލިޓީގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް، އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި، މަސްވެރިކަމުން އެދެވޭ ނަފާއެއް ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.
މިފްކޯއިން ވަނީ މިދިޔަ އޮގަސްޓު މަހުން ފެށިގެންފުވައްމުލައް ސިޓީ އިން މަސް ގަންނަން ފަށާފައެވެ. އަދި މިހާރު މި ފެސިލިޓީ ހުޅުވުމާއެކު، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ސީދާ އައްޑޫއަތޮޅުން މަސް އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ފެށުމަށް މިފްކޯއިން އަންނަނީ ތައްޔާރުވަމުންނެވެ.



