ކަމާގުޅޭ އިދާރާތައް ގުޅިގެން މި މަހުގެ 9 ވަނަ ދުވަހު ފެށި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 83 މަސާޖު ޕާލާ ބަންދު ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ހުޅުމާލެ 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ރެހެންދި ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ރައިސް ވިދާޅުވީ، މާލޭގައި އޮތް އިޖްތިމާއީ އެންމެ ބޮޑު މައްސަލައަކީ މަސާޖުޕާލާތައް ހަދާ ހިންގަމުންދާ ކަންކަން ކަމަށެވެ.
އެފަދަ ތަންތަން ހުއްޓުވުމަށް ކަމާގުޅޭ އިދާރާތަކުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އިތުރު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އޮޕަރޭޝަންގައި އިކޮނޮމިކް މިނިސްޓްރީއާ ފުލުހުންނާއި އިމިގްރޭޝަން ހިމެނޭ ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ މަސައްކަތުގެ ދަށުން މިދިޔަ 12 ދުވަަސްތެރޭ ޖުމްލަ 83 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ސެލޫންތަކުގެ ނަމުގައި ހިންގާ މަސާޖުޕާލާތައް ބަންދުކުރަން ރައްޔިތުން ތަކުރާރުކޮށް އެދެމުން ދިޔަނަމަވެސް، މިދިޔަ ސަރުކާރުތަކުގައި އެކަށީގެންވާ ގޮތެއްގައި އެކަން ކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެގޮތަށް އެކަން ދޫކޮ ނުލައްވާނެ ކަމުގެ ޔަގީންކަން ރައީސް ރައްޔިތުންނަށް ދެއްވިއެވެ.
ރައީސް ވަނީ މިކަމުގެ މުހިންމުކަން ފާހަގަކުރައްވައި، މިހާ އަދަދަކަށް މަސާޖު ޕާލާ ބަންދުކުރެވުނު މިއީ ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރު ކަމަށް ވިދާޅުވެފައެވެ.



