ޓިކްޓޮކްގައި ކުޑަ އަންހެން ކުއްޖަކު ވިއްކަން އިއުލާންކުރުމަކީ ޖިނާއީ މައްސަލައެއް ކަމަށާއި އެ މައްސަލައިގެ ޝަރީއަތް ފަށައި ފުރަތަމަ އަޑުއެހުން ވެސް ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭގައި ބޭއްވި ބައްދަލުވުމުގައި އެ ކުއްޖާގެ މަންމަ ވަނީ، ކުއްޖާ ވިއްކާލަން އިއުލާނުކުރި މީހާ ހުރީ އަދިވެސް ދޫކޮށްލާފައި ކަމަށް ބުނެ އެކަމާ ކަންބޮޑުވުންފާޅު ކޮށްފައެވެ.
އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ މައްސަލާގައި ހިމެނޭ މީހާ ދޫކޮށްލާފައި ހުރި ކަމަށް މީޑިއާއިން އެ މަނިކުފާނަށް ފެނިވަޑައިގަތުމުން ތަފުސީލް ހޯއްދެވި ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ވަގުތު އެ މީހާ ދޫކޮށްލާފައި ހުއްޓަސް އޭނާ ހައްޔަރުކޮށް، އޭނާގެ މައްޗަށް ފުލުހުން ތަހުގީގު ވަނީ ހިންގައިފަ އެވެ. އަދި އެ މައްސަލާގައި އެ މީހާގެ މައްޗަށް ޖިނާއީ ދައުވާ ވެސް ކޮށްފައިވާކަން އެނގިވަޑައިގަތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”އެ މައްސަލާގައި ހިމެނޭ މީހާ ދޫކޮށްލާފައި ހުރި ކަމަށް މީޑިއާ އިން ފެނުމާ އެކު، އެ މައްސަލައިގެ ތަހުގީގު ހޯދިން. އެ ވަގުތު އެ މީހާ ދޫކޮށްލާފައި ހުރި ނަމަވެސް އޭނާ ހައްޔަރުކުރެވި އޭނާގެ މައްޗަށް ވަނީ ތަހުގީގު ކުރިއަށް ގެންދެވި، ޖިނާއީ ދައުވާ މިހާރު ކޮށްފައި. އަދި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވެސް މިހާރު ވަނީ ބޭއްވިފައި،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޑަކުދިންނަށް އެކި ގޮތްގޮތުން ލިބޭ އަަނިޔާ އާއި ފުރައްސާރައިގެ މައްސަލަތައް ބެލުމުގައި ސަރުކާރުން އިސްކަން ދޭނެ ކަމަށާއި އެމަނިކުފާނަކީ އެއްވެސް ކުއްޖަކު ތަފާތު ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ.



