ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މަޤުޞާދުގައި ކުރިއަށްގެންދާ ދިވެހި ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނުގެ 4 ވަނަ ބެޗުގެ ދަރިވަރުން ތަމްރީންތަކަށް މިއަދު ފުރައިފިއެވެ.
މި ބެޗުގައި ރާއްޖޭގެ 20 އަތޮޅަކުން 126 ރަށަކަށް ނިސްބަތްވާ ޖުމްލަ 351 ދަރިވަރުން ބައިވެރިވެއެވެ.
މި ތަމްރީނުގައި ބައިވެރިވާ 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރޭގައި ހިމެނެނީ 287 ފިރިހެން އަދި 64 އަންހެން ދަރިވަރުންނެވެ. މި ބެޗުގެ ތަމްރީނުތައް ކުރިއަށްދާނީ ޅ. މާފިލާފުށީގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި 14 ހަފުތާގެ މުއްދަތަށެވެ.

ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގއަކީ ދިވެހި ވަޠަނީ ޚިދުމަތާ އަލަށް ގުޅޭ މެންބަރުންނަށް ޚާއްޞަކޮށްގެން ހިންގާ ތަމްރީނެކެވެ. މި ތަމްރީނުގައި ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، އަޚްލާޤާއި ސުލޫކުގެ އިތުރުން ލީޑަރޝިޕާއި ހަށިހެޔޮކަމާއި ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ މުހިންމު ދާއިރާތަކުން ދަރިވަރުން ތަމްރީނު ކުރެވޭނެއެވެ.
މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް އަމާޒަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ. ދިވެހި ވަޠަނީ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ޒުވާނުން ބިނާކުރުމުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެކެވެ.

މި ތަމްރީނުތައް ފުރިހަމަކުރާ ދަރިވަރުންނަށް ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބޭނެއެވެ. މީގެއިތުރުން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަޝިޕް، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް އަދި ޕިއަރ އެޑިއުކޭޝަން ޓްރޭނިންގ ފުރިހަމަކުރާ ދަރިވަރުންނަށް އެ ބައިތަކުގެ ސެޓްފިކެޓްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިހާތަނަށް ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނުގެ 3 ބެޗެއް ނިންމައި، ޖުމްލަ 1028 ޒުވާނުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.



