މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ ރިސްކް ޗެމްޕިއަނުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުން އައްޔަންކޮށް، އެ މުވައްޒަފުންނަށް ޚާއްސަ އެވެއާރނަސް ސެޝަނެއް މިއަދު ބާއްވައިފިއެވެ.
މީރުމާގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ރިސްކް ޗެމްޕިއަނުންނަށް އެވެއާރނަސް ސެޝަން ނަގައިދެއްވީ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލް އިބްރާހީމް ފަޒީލެވެ.
އަދި މި ސެޝަންއަށް ފަހު، ރިސްކް ޗެމްޕިއަނުންނަށް އައްޔަންކުރި މުވައްޒަފުންނަށް ބެޖާއި ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ. ބެޖާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ފަޒީލެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ޗީފް ރިސްކް އޮފިސަރ (ސީ.އާރް.އޯ) އިބްރާހީމް ރަޝީދު ވިދާޅުވީ ޕޯޓްތަކަކީ އެންމެ ”ހައި ރިސްކް“ މަސައްކަތުގެ މާހައުލެއް އޮތް ދާއިރާ ކަމަށާއި މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާއި މަސައްކަތުގެ މާހައުލު އޮތް ގޮތުން މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމަކަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
”އެހެންވީމަ އެމް.ޕީ.އެލްއަށް އެބައޮތް (އެހެން ޕޯޓުތަކަށް ކުރިމަތިނުވާ) އިތުރު ރިސްކްތަކެއް. މި ކަމަށް ރިޔާޢަތްކޮށް، އަޅުގަނޑުމެން އެބަޖެހޭ މަސައްކަތްތައް ރޭވުމުގައި (ރިސްކްތަކަށް) ވަރަށް ބޮޑަށް ވިސްނަން،“ ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ ކުންފުނީގެ ރިސްކް މެނޭޖްމަންޓް މަސައްކަތުގައި ރިސްކް ޗެމްޕިއަނުންނަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާނެ ބައެއް ކަމަށެވެ.
”އަޅުގަނޑުމެން ބޭނުންވަނީ ރިސްކް ޗެމްޕިއަނުންނަކީ ހަމައެކަނި ރިސްކް ރެޖިސްޓްރީތައް ބަލަހައްޓައި، ލިޔެކިއުންތައް ހަމަކުރާ ބައެއްގެ ގޮތުގައި ނުތިބެ، ރިސްކް އިންފްލުއެންސާސްގެ ދައުރު އަދާކޮށް، ޢަމަލީ ގޮތުން ރިސްކްގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާނެ ބަޔަކަށްވުން،“ ރަޝީދު ވިދާޅުވިއެވެ.
އެމްޕީއެލް އިން ބުނީ ރިސްކް ޗެމްޕިއަނުންނަކީ ކުންފުނީގެ ރިސްކް މެނޭޖްމަންޓް ފްރޭމްވޯކް ވަރުގަދަކޮށް، ކުންފުނީގައި ރިސްކްތަކަށް ސަމާލުކަންދޭ، ހޭލުންތެރި މުވައްޒަފުންތަކެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ މުވައްޒަފުންތަކެއް ކަމަށެވެ.
އެމް.ޕީ.އެލްގެ ކޮންމެ ޑިޕާޓްމަންޓަކުންވެސް ރިސްކް ޗެމްޕިއަނެއް ވަނީ އައްޔަންކޮށްފައެވެ.
މި މުވައްޒަފުންނަކީ ކުންފުނީގެ ރިސްކް އެންޑް ކޮމްޕްލައިއަންސް ޑިޕާޓްމަންޓާ ގުޅިގެން، ކުންފުނީގައި ރިސްކް މެނޭޖްކުރުމަށް އަހުލުވެރި މުވައްޒަފުންތަކެއް ބިނާކުރުމަށް މަސައްކަތްކުރާނެ ބައެކެވެ.
އަދި ކޮންމެ ޑިޕާޓްމަންޓަކުންވެސް ކުރަމުންދާ މަސައްކަތްތަކުގައި ހުރި ރިސްކްތައް ދެނެގަނެ، ރިސްކްތައް ކުޑަކުރުމަށް ރިސްކް ޗެމްޕިއަނުން މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެެއެވެ.



