އަންނަ އަހަރުގެ ޖުލައި މަސް ތެރޭގައި އިންޑިއާގެ ޔުނިފައިޑް ޕޭމެންޓު އިންޓަފޭސް (ޔޫޕީއައި) އާއި ފަވަރަ ގުޅާލެވޭނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
އެމްއެމްއޭގެ މާލީ ދާއިރާގެ ތަރައްގީ އާ ގުޅޭ ކަންތައް އިފްތިތާހު ކުރުމަށް ބާސެލޯ ނަސަންްދުރައިގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ އެމްއެމްއޭގެ އަމާޒަކީ ކޮންމެ ދިވެއްސަކަށް ވެސް ފައިދާވާނެ، ފަސޭހަ މާލީ ދާއިރާއެއް ބިނާ ކުރުން ކަމަށެވެ.
ފަވަރަ އާއި ޔޫޕީއައި ގުޅާލުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެމްއެމްއޭ އިން މިދިޔަ ޖޫން މަހު ވަނީ ބުނެފަ އެވެ. އެ މަސައްކަތް އަންނަ އަހަރުގެ މެދާއި ހަމައަށް ނިންމާލެވޭނެ ކަން ގަވަރުނަރު މިއަދު އިއުލާނު ކުރެއްވި އެވެ.
”ފަވަރަގެ ފުރަތަމަ ކްރޮސްބޯޑާ އިންޓަގްރޭޝަންގެ މަސައްކަތް ވެސް ނިންމާލުމަށް މިވަނީީ ތައްޔާރުވެފައި. އަންނަ އަހަރުގެ ޖުލައި މަހާއި ހަމައަށް އިންޑިއާގެ ޔޫޕީއައި އާ ފަވަރަ އިންޓަގްރޭޓު ކުރެވޭނެ،“ ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.
މި ހިދުމަތް ގާއިމް ކުރެވުމާއެކު އިންޑިއާއަށް ވަގުތުން ފައިސާ ފޮނުވުމަށް ފަސޭހަވެ، އޮންލައިން ނިޒާމުތައް މެދުވެރިކޮށް އަވަސްކަމާއި ރައްކާތެރިކަމާ އެކު އެއް ގައުމުން އަނެއް ގައުމަށް މުއާމަލާތްތައް ކުރުމުގެ މަގުފަހިވާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.


