އިރު އުތުރުން އަންނަ ވަޔާއެކު ކުރިއަށް އޮތް ފަސް ދުވަހު ވެސް ދުން ފުހުގެ އަސަރު ރާއްޖެ މަތީ ހުންނާނެ ކަމަށާއި ރާއްޖޭގެ ވައި ނުސާފުވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ބުނެފިއެވެ.
ހޭޒްގެ އަސަރު ބޮޑުވެ، އިއްޔެ މާލެ ސަރަހައްދުގެ ވައި ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރަކަށެވެ.
މިކަމާ ބެހޭގޮތުން މެޓު އޮފީހުން ބުނީ އިރުވައި މޫސުމާ އެކު ދުންފުހުގެ އަސަރު ކުރުން ބޮޑުވެފައިވާ ކަމަށާއި މީގެ އަސަރު އެންމެ ބޮޑުވީ އިއްޔެ ކަމަށެވެ.
އެގޮތުން އިއްޔެ ދުރު ފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީ ވަނީ 2 ކިލޯމީޓަރަށް ވެއްޓިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދުންފުހުގެ އަސަރު ކުރާނެތީ ކަނޑުދަތުރުކުރާ މީހުންނާއި އެކި ހަރަކާތްތަކުގައި ބޭރުގައި އުޅޭ މީހުން ވެސް ސަމާލުވާން ހެލްތު ޕްތޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިންވެސް އިއްޔެ ވަނީ އިލްތިމާސްކޮށްފައެވެ.
ވިލިމާލޭގައި ހުންނަ ސެންޓަ ފޯ މެރިޓައިމް ސްޑަޓީޒްގައި ގާއިމްކޮށްފައިވާ އެއާ ކޮލެޓީ މޮނީޓާ ސިސްޓަމުން ދައްކާގޮތުން މި ސަރަހައްދުގައި ވައިގެ ކޮލެޓީ އިއްޔެ ހުރީ126 ގައެވެ. މިއީ ސެންސެޓިވް ނުވަތަނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވާނެ ހާލަތެކެވެ.
މިފަދަ ހާލަތުގައި ސަމާލުކަން ދޭންވީ ކަންކަން:
° ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރަށް ނުކުންނަން ޖެހޭ ހާލަތުގައި ރައްކާތެރިވުމަށް މާސްކު އެޅުން
° ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
° އެއާ ޕިއުރިފައިއަރ ބޭނުން ކުރުން
° ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން



