ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގެ ޑިއުޓީ ފްރީ ޖާގަ އެއްކޮށް ބޭނުން ކުރަން ފަށައިފިއެވެ.
ވީއައިއޭގެ އާ ޓާމިނަލް އެންމެ ފުރަތަމަ ބޭނުން ކުރަން ފަށާފައިވަނީ ޑިއުޓީ ފްރީ ސަރަހައްދު އެއްކޮށް ހުޅުވާނުލައެވެ. ނަމަވެސް އާ ޓާމިނަލަށް އެއާލައިންތައް ބަދަލުކުރަމުން ދިޔަ ވަރަކުން ޑިއުޓީ ފްރީ ފިހާރަތައް ވެސް ގެންދިޔައީ އެތަނަށް އިތުރު ކުރަމުންނެވެ.
އާ ޑިއުޓީ ފްރީއާ އެކު ދުނިޔޭގެ އެންމެ ލަގްޒަރީ ބްރޭންޑްތައް ކުރިއަށްވުރެ ވެސް އިތުރަށް އެތަނުން ލިބޭނެ ކަމަށް އެމްއޭސީއެލް އިން އާ ޓާމިނަލް ހުޅުވި އިރު ބުނެފައިވެއެވެ.
އެމްއޭސީއެލް އިން ބުނެފައިވަނީ ޑިއުޓީ ފްރީގެ އިތުރުން ބައެއް ބްރޭންޑްތަކަށް ހާއްސަ ބުޓީކް ފިހާރަަތައް ވެސް އެތަނުން ލިބޭނެ ކަމަށެވެ.
ޑިއުޓީ ފްރީގެ ހުރިހާ ފިހާރައެއްހެން މިހާރު ބަދަލުކޮށްފައިވާއިރު މާދަމާ އެތަން ރަސްމީކޮށް ހުޅުވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އާ ޓާމިނަލާ އެކު އެއާޕޯޓުގެ ކޮމާޝަލް ސްޕޭސް ނުވަތަ ޑިއުޓީ ފްރީއަށް ދޫކުރާ ޖާގަ ތިން ގުނަ އިތުރު ކުރެވޭނެ އެވެ. ގާތްގަނޑަކަށް 13،000 އަކަފޫޓުގެ އެ ޓާމިނަލްގެ 4،000 އަކަފޫޓު ހާއްސަ ކޮށްފައިވަނީ ޑިއުޓީ ފްރީއަށެވެ. މިހާރު ވެސް ރާއްޖޭގެ ޑިއުޓީ ފްރީ އިން ލިބެން ހުންނަ ފިހާރަތަކުގެ އިތުރަށް، އެންމެ ލަގްޒަރީ ބްރޭންޑްތަކުގެ އިތުރު އުފެއްދުންތައް ބަހައްޓަން ޖާގަ ލިބޭނެ ކަމަށް ވެސް އެމްއޭސީއެލްއިން މީގެކުރިން ބުނެފައިވެއެވެ.




