މާލެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް 08 ޑިސެންބަރު 2025 ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާއިރު، މާލޭ ނޯތު ހާބަރގެ ޚިދުމަތް ހޯދާ ކަނޑު އުޅަނދުފަހަރުތަކަށް ޖެޓީ ނަމްބަރ 1 (އެމް.އެމް.އޭ ކުރިމަތި ސަރަހައްދު) ވަގުތީ ގޮތުން ބޭނުންކުރެވޭނެ އިންތިޒާމްތައް އެމްޕީއެލްއިން ހަމައްޖަސައިފިއެވެ.
އެމްޕީއެލް އިން ބުނީ މާލޭ ނޯތު ހާބަރު ”އޭ ޒޯން“ (އެއްގަމު ތޮށި)ގައި އަޅާފައިވާ ޕަސިންޖަރުންނާއި މުދާ އުފުލާ ކަނޑު އުޅަނދު ފަހަރުތައް މިހާރު ވަނީ ޖެޓީ ނަމްބަރ 1 (އެމް.އެމް.އޭ ކުރިމަތި ސަރަހައްދު) އަށް ވަގުތީ ގޮތުން ބަދަލުކޮށްފައި ކަމަށެވެ. އަދި ވަގުތީ ގޮތުން މި ގެނެވުނު ބަދަލަށް އަމަލުކުރާ މުއްދަތުގައި، ޖެޓީ ނަމްބަރ 1ގެ ބޭނުންހިފާ އެއްވެސް ކަނޑު އުޅަނދަކަށް ފީއެއް ނުނަގާނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
ޖެޓީ ނަމްބަރ 1 ވަގުތީ ގޮތުން ބޭނުންކުރަން ހަމަޖެހިފައިވާ ގޮތް:
° މި ސަރަޙައްދަށް އުޅަނދުފަހަރުތައް ވަދެ ކައިރިކޮށް އަދި ބޭއްވޭނީ މާލޭ ނޯތު ހާބަރުގެ ހުއްދަ ލިބިގެން
° މި ސަރަޙައްދުގެ ކީވޯލަށް އުޅަނދުފަހަރުތައް ކައިރި ކުރެވޭނީ މާލެ ނޯތު ހާބަރުގެ ”ޒޯން އޭ“ (އެއްގަމު ތޮށި) ކިޔު ތަރުތީބުން.
° މި ސަރަޙައްދު ކީވޯލުގައި އުޅަނދުފަހަރުތައް ބޭއްވޭނީ ގިނަވަގެން 10 ދުވަހުގެ މުއްދަތަށް. އަދި 10 ދުވަހަށްވުރެ އިތުރަށް ކީވޯލްގައި އުޅަނދެއް ބާއްވަން ބޭނުންވާނަމަ، އެ އުޅަނދަށް ކީވޯލާއި ކައިރި ކުރެވޭނީ އަލުން ކިޔުގައި ނޯޓުކުރުމަށްފަހު، ކިޔު ތަރުތީބުން.
އެމްޕީއެލް އިން މިގޮތަށް ޢަމަލުކުރަން ނިންމާފައިވަނީ ހުރިހާ އުޅަނދުފަހަރަށްވެސް އިންސާފުވެރި، ހަމަހަމަ އުސޫލަކުން ޚިދުމަތް ދިނުމުގެ ބޭނުމުގައިކަމަށް އެ ކުންފުނިން ބުނެފައިވެއެވެ
މީގެއިތުރުން މާލޭ ނޯތު ހާބަރުގެ ”ޒޯން ބީ“ އަދި ”ޒޯން ސީ“ގެ ބޭނުންކުރާ އުޅަނދު ފަހަރުތައް ޢަމަލުކުރަންޖެހޭ އުސޫލުތަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެމްޕީއެލް އިން ވަނީ މާލޭ ނޯތު ހާބަރުގެ ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކުންވެސް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.




