ސިޔާސީ ފިކުރަށް ބަލާ ސަރުކާރުގެ އެކި ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް ފިޔަވަޅު އަޅައި ވަޒީފާއިން ވަކި ކުރަމުންދާކަމަށްބުނެ އެއަމަލުތައް ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.
މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މަސައްކަތްތެރިންގެ ހައްގުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުން ގެނައި އެންމެ ބޮޑު އިންގިލާބީ ބަދަލަކީ ރާއްޖޭގައި އަލަށް އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނާއި މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަމަލުކުރަން ފެށުންކަމަށެވެ. އަދި، މި ދެ ގާނޫނަކީވެސް މަސައްކަތްތެރިންގެ ހައްގުތައް އިތުރަށް ކަށަވަރުކުރެވިގެންދާނެ ދެ ގާނޫނައް ވީނަމަވެސް ރައީސް ޑރ މުއިއްޒުގެ ސަރުކާރުން މިވީ 6 ވަރަކަށް މަހުގެ ތެރޭގައި ފެނިގެން ދަނީ ސަރުކާރުގެ އެކިއެކި ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް އެމީހުންގެ ސިޔާސީ ފިކުރަށް ބަލައި ފިޔަވަޅުތައް އަޅާ ވަޒީފާތަކުން މުވައްޒަފުން ވަކިކުރަމުންދާ މަންޒަރުކަމަށް ބުނެފައި ވެއެވެ.
”މިކަންކަމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމެއް. އަދި އެފަދަ ކަމަކާ ގުޅިގެން އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް އަޅާފައިވާނަމަ އެ ފަރާތުން މި ޕާޓީއަށް ޝަކުވާ ހުށަހެޅުމުގެ ހާއްސަ އީމެއިލްއެއް ހަދާ އެމަސައްކަތް މި ޕާޓީއިން ކުރިއަށް ގެންދާ ވާހަކަ މި ފުރުސަތުގައި ތަކުރާރުކޮށްލަން.“ ބަޔާނުގައި ވެއެވެ.
އެމްޑީޕީން ވަނީ، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އެމްޑީޕީ ސަރުކާރުން އެކަށައަޅާ ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކާއި، ގާނޫނުން މަސައްކަތްތެރިންނަށް ލިބިފައިވާ އެންމެހައި ފުރުސަތުތަކަށް ޖާގަދީ، ސިޔާސީ ފިކުރަށް ބަލައި އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އެޅުން ވަގުތުން ވަގުތަށް ހުއްޓާލުމަށް، ރައީސް ޑރ މުއިއްޒުގެ ސަރުކާރަށް ގޮވާލާފަ އެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ އަބަދުވެސް ދިވެހި ހީވާގި މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ, އަދި މަސައްކަތްތެރިންނަށް ލިބެންޖެހޭ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ނެގެހެއްޓުމަށް މަސައްކަތްކުރާ އަދި ނަތީޖާ ނެރެފައިވާ ހަމައެކަނި ސިޔާސީ ޕާޓީއެއްކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.



