ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ހަމާސްއާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ މަސައްކަތް ކުރަމުން އަންނަނިކޮށް އެއްބަސްވުމާ ހިލާފުވެ އިސްރާއީލުގެ ސިފައިން ޣައްޒާއިން ނުފައިބާނެ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ބުނެފިއެވެ.
މީޑިއާގައި އާންމުކުރި ވީޑިއޯ ބަޔާނެއްގައި ކާޒް ބުނީ، ޣައްޒާގެ އުތުރުގައި ދާއިމީ މަރުކަޒެއް ގާއިމުކޮށް، އެ ސަރަހައްދުގައި ދާއިމަށް ސިފައިން ތިބޭނެ ކަމަށެވެ.
ހަމާސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދެވަނަ މަރުހަލާގައި އިސްރާއީލުގެ ސިފައިން ޣައްޒާއިން ފޭބުން ހިމެނެއެވެ. ނަމަވެސް، ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުން ކާޒް ބުނީ އިސްރާއީލުގެ ސިފައިން ތިބީ ޣައްޒާގެ ވަރަށް އެތެރޭގައި ކަމަށާއި، އެ މީހުން ދުވަހަކު ވެސް ޣައްޒާ ދޫކޮށް ނުދާނެ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް އޭނާ ވަނީ ފާޅުގައި ބުނެފައެވެ.
”2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާއަށް ފަހު، ޣައްޒާއިން އެއްކޮށް ފޭބުމުގެ އެއްވެސް ވިސްނުމެއް ނެތް. އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށާއި، އެފަދަ އިތުރު ހާދިސާތައް ހިނގުން ހުއްޓުވުމަށް ސިފައިން އެ ސަރަހައްދުގައި ދާއިމަށް ތިބޭނެ.“ ކާޒް ބުންޏެވެ.
މީގެ އިތުރުން 2005 ވަނަ އަހަރު އިސްރާއީލުން ޣައްޒާ ދޫކޮށްލިއިރު ހުސްކުރި ޔަހޫދީ އާބާދުތަކުގައި ސިފައިން ދާއިމަށް ބައިތިއްބާނެ ކަމަށް ވެސް ކާޒް ބުންޏެވެ.
ކާޒްގެ މި ވާހަކަތަކަށް އިސްރާއީލުގެ އެތެރެއިން ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ކުރީގެ މިނިސްޓަރު އަދި ޗީފް އޮފް ސްޓާފް ގާޑީ އައިސެންކޮޓް ބުނީ، އިސްރާއީލުގެ ގިނަ ބަޔަކު އެދޭ ގޮތަށް ކަންކަން ކުރަމުން ދަނިކޮށް ދެއްކި މި ވާހަކައަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅި ސުލްހައިގެ ޕްލޭނަށް އެއްބަސްވެގެން ކަމަށް ބުނަމުން، އަމަލީ ގޮތުން ކުރަނީ އެއާ ދިމާ އިދިކޮޅު ކަންތައްތައް ކަމަށް އޭނާ ތުހުމަތުކުރިއެވެ.
މީގެ އިތުރުން، ހުޅަނގު އައްސޭރީގައި 1,200 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފެށުމަށް ނިންމާފައިވާކަން ވެސް ކާޒް ވަނީ ހާމަކޮށްފައެވެ. މި ހުރިހާ ކަމަކީ ޣައްޒާގެ މައްސަލައިގައި ވެފައިވާ ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ފުށުއަރާ ކަންތައްތަކެކެވެ.




