ކޮންމެ އިންސާނަކަށްވެސް ސާފު ވެއްޓެއްގައި ދިރިއުޅުމުގެ ހައްޤު ލިބެންޖެހޭކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ޑރ. ރަމީލާ މިހެން ވިދާޅުވީ، އެޗްއާރުސީއެމުން ރޭގައި ބޭއްވި ”އެޗްއާރްސީއެމް-ސީއެފްއޯ ޕާޓްނަރޝިޕް ފޯރަމް“ ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ތިމާވެށީގެ މައްސަލަތަކާއި އިންސާނީ ހައްގުތަކާ ހުރި ގުޅުމާ ބެހޭގޮތުން މަދަނީ ޖަމްއިއްޔާތަކަށް އަމާޒުކޮށްގެން ބޭއްވި އެޗްއާރްސީއެމް ފޯރަމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ރަމީލާ ވަނީ މުޖުތަމަޢުގެ ކުރިއެރުމުގައި މަދަނީ ޖަމްއިއްޔާތަކުން އަދާކުރާ ދައުރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން އޭނާ ވިދާޅުވީ، މި ފޯރަމް އަމާޒުކުރެވިގެން ދިޔަ ދާއިރާއަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢު ތަޙައްމަލު ކުރަމުންދާ ކަންތައްތަކަށް ބަލާއިރު ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ. ޚާއްޞަކޮށް ސާފު ތިމާވެއްޓެއްގައި އުޅުމުގެ ހައްގަކީ އިންސާނީ ހައްގެއްގެ ގޮތުގައި ކަނޑައެޅުމަކީ، ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން އިންސާނީ ހައްގުތަކަށް ކުރާ އަސަރު ބޮޑުކަން ހާމަވާ ކަމެއްގެ ގޮތުގައި ރަމީލާ ފާހަގަކުރެއްވިއެވެ.
”ތިމާވެށީގެ ގިނަ މައްސަލަތައް އަތޮޅު ތެރޭގައި އަދި މާލޭގައި ފާހަގަކުރެވިގެންދާއިރު ޖަމްޢިއްޔާތަކަކީ އިސްނަގައިގެން މިފަދަ މައްސަލަތަކުގައި މަސައްކަތް ކުރެވިދާނެ މުހިންމު ފަރާތްތަކެއް. ތަރައްޤީގެ މަޝްރޫޢުތައް ރޭވިފައިވާ ގޮތާއި މަޝްރޫޢުތައް ކުރިއަށްދާގޮތުގެ މައުލޫމާތުތައް ހޯދައި ތިމާވެއްޓަށް އަސަރުކުރާ ކަންތައްތައް ވީހާވެސް ކުޑަކޮށް އަދި މިފަދަ ކަންތައްތަކުން ދުރުހެލިވުމަށް ވީހާވެސް ބޮޑަކަށް ބާރުއަޅައި ބަޔަކަށް މަދަނީ ޖަމްޢިއްޔާތަކުން ވާންޖެހޭ“ ޑރ. ރަމީލާ ވިދާޅުވިއެވެ.




