ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން މިއަހަރަށް ނިމި، މިއަދު ބޮޑު ޗުއްޓީ ފަށައިފިއެވެ.
ބޮޑު ޗުއްޓީ ލިބުމާއެކު، އާންމުކޮށް ގިނަ އާއިލާތައް އެންމެ ފުރަތަމަ ވެސް ކުރަން ތައްޔާރުވާ އެއްކަމަކީ އެކި ރަށްރަށަށް ނުވަތަ ބޭރުގެ ޤައުމުތަކަށް ޗުއްޓީ ހޭދަކޮށްލަން ދަތުރު ކުރުމެވެ.
އެގޮތުން މިއަދު މިހާރުވެސް ގިނަ ބަޔަކު ފޮށިތައް ބަންދުކޮށް، ފުރަން ބަނދަރުމައްޗަށް ގޮސް ތިބިކަން ފާހަގަ ކުރެވެއެވެ
ސްކޫލް ބޮޑު ޗުއްޓީ އަނެއްކާވެސް ޑިސެމްބަރު މަހު ލިބޭގޮތަށް ބަދަލުކުރީ މި ސަރުކާރުން މިދިޔަ އަހަރުގައެވެ.
މީގެކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި ބޮޑު ޗުއްޓީ ޖޫން-ޖުލައި މަހަށް ބަދަލުކުރީ 2021 ވަނަ އަހަރުގައެވެ. ނަމަވެސް އެދުވަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރު ކަމަށްވާރީ ދަތުރުފަތުރު ކުރުމަށް ދަތިތަކެއްވާ ކަމަށް ބުނެ ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރިޔާސީ އިންތިހާބަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރު ކެމްޕެއިނު ކުރެއްވި ދުވަސްކޮޅުގައި އެމަނިކުފާނު އަރިހުން ގިނަ ބަޔަނު އެންމެ އެދުނު އެއްކަމަކީ، ކުރިން އޮތް ގޮތަށް ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލު ކޮށްދެއްވުމަށެވެ. އެމަނިކުފާނު ވަނީ އެކަން ކޮށްދެއްވާނެ ކަމަށް އެއިރު ވައުދުވެވަޑައިގެންފައެވެ.
މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިފައިވަނީ އޭޕްރިލް މަހުގެ 6 ގައެވެ. މިއަހަރުގެ ފުރަތަމަ ޓަރމްގެ ޗުއްޓީ ލިބިފައިވަނީ ޖުލައި މަހުގެ 28 އިން އޮގަސްޓު 7 އަށެވެ. އަދި ދެވަނަ ޓަރމްގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފަށާފައިމިވަނީ މިއަދުއެވެ.
އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ. އަދި އަންނަ އަހަރު ފުރަތަމަ ޓަރމުގެ ކިޔެވުން ނިމި، ޗުއްޓީ ލިބޭނީ ޖުލައި 17 ެއިން އޮގަސްޓް 1 އާ ހަމައަށެވެ. އަންނަ އަހަރުގެ ދެވަނަ ޓަރމް ނިމި، ބޮޑު ޗުއްޓީއަށް ބަންދު ވާނީ 18 ޑިސެމްބަރުން ފެށިގެން 2027 ވަނަ އަހަރުގެ ޖެނުއަރީ 17 އާ ހަމައަށެވެ.




