ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ކޯޓަށް ހާޒިރުނުވުމުން އެ މައްސަލާގެ ހުކުމް އިއްވުން އަންނަ ހޮނިހިރު ދުވަހަށް ފަސްކޮށްފިއެވެ.
ކޭ ޕާކް ހަދަން ހަވާލުވި ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެއެވެ. އަދި މި މައްސަލައިގައި ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ދައުލަތުން ކުރެއެވެ.
މި މައްސަލައާމެދު ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ކެންސަލްކުރަން މަންޑޭގެ ފަރާތުން ކޯޓުގައި އެދުނު ކަމަށެވެ. އަދި ”މާތްﷲއަށްޓަކައި ވެސް ޝަރީއަތް ފަސްކުރަން“ މަންޑޭގެ ފަރާތުން އެދުނު ކަމަށާއި އެކަމަކު ޝަރީއަތް އޮންނާނެކަން އޭނާއަށް ކޯޓުން އަންގާފައިވާނެ ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ.
އެހެންކަމުން ކޯޓަށް ހާޒިރުނުވާ މީހުންނާމެދު އަމަލުކުރަން ޖެހޭ އުސޫލުން މަންޑޭއާމެދު އަމަލުކުރާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
މަންޑޭ މިއަދު ކޯޓަށް ހާޒިރު ނުވެގެން ހުކުމް ފަސްކުރަން ޖެހުނު އިރު، މިދިޔަ ޖޫން މަހު ވެސް މަންޑޭ ކޯޓަށް ހާޒިރު ނުވާތީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ. ނަމަވެސް ފަހުން ކޯޓުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
މަންޑޭގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ ދިގު މުއްދަތެއް ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ.



