މި ސްކޫލު ބަންދުގައި 7726 މީހުން ރާއްޖޭން، އުމްރާގެ އަޅުކަމަށް ސައުދީއަށް ދިއުމަށް ނިންމާފައިވާ ކަމަށް، އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޑިސެމްބަރު މަހާއި އަންނަ ޖެނުއަރީ މަހު ރާއްޖެއިން 7726 މީހުން އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އުމްރާވެރިން ސައުދީ އަރަބިއާއަށް ފުރަން ތައްޔާރުވާން ފަށާނީ މި ހަފްތާގައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އާންމުކޮށް ގިނަ ދިވެހީން އުމްރާއަށް ދިޔުމަށް ފުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހާއި، ރަމަޟާން މަހާއި އަދި ޖުލައި މަހުގައެވެ. ނަމަވެސް ބައެއް މީހުން އަހަރުގެ މިނޫން ދުވަސްތަކުގައި ވެސް އުމްރާއަށް ދާން ފުރައެވެ. މީގެކުރިން ގިނަ މީހުން އުމްރާއަށް ދަނީ އެކަމަށް ރެޖިސްޓަރ ކޮށްފައިވާ ގްރޫޕެއް މެދުވެރިކޮށެވެ.




