ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލު ކުރުމަށަ ސިނގިރޭޓުގެ އަގަށް ބަދަލު ގެނައުމުން، އިމްޕޯޓު ޑިއުޓީ ވަރަށް ބޮޑަށް ދަށްވެގެން ލިބުނު މާލީ ގެއްލުމަށްވުރެ ސިއްހީ ގޮތުން ލިބޭ ފައިދާތައް ބޮޑުކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިސާބު ޖެހި ނަމަވެސް މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި ލިބުނީ 2.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އެއީ އަންދާޒާކުރި އަދަދަށްވުރެ 1.7 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އަދި، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ ބަލާއިރު ވެސް 426 މިލިއަން ރުފިޔާ ދަށް އަދަދެއްކަން ފާހަގަ ކުރެވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އިމްޕޯޓު ޑިއުޓީ ދަށްވި އެންމެ ބޮޑު އެއް ސަބަބަކީ ސިނގިރޭޓުގެ އަގަށް ސަރުކާރުން ގެނައި ބަދަލު ކަމަށެވެ. ނަމަވެސް ޑިއުޓީ ދަށްވުމުން ނުލިބުނު ފައިސާއަށްވުރެ ސިއްހީ ގޮތުން ލިބުނު ފައިދާ ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ސިނގިރޭޓު އަގުގެ ސަބަބުން ޑިއުޓީއަށް ދަށްވާ ދަށްވުން، އިންސާނުންގެ ސިއްހަތަށް ކުރާ ފައިދާއިން ކޮމްޕެއާކުރާ ކަމަށްވަންޏާ އަޅުގަނޑަށް ހީވަނީ ނެޓް ގެއިންއެއްހެން އެ އަންނަނީ،“ މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ސައީދު ވިދާޅުވީ ސިނގިރޭޓާއި ވޭޕް މަނާކުރުމުގެ ސަބަބުން އެތައް ރައްޔިތުންނެއް ވެސް އެއީ ހެޔޮ ބަދަލެއްކަން ފާހަގަކުރާ ކަމަށެވެ.




