މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު، ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.
ޝަމްއާން ބަންދުން ދޫކޮށްލަން މިއަދު ކްރިމިނަލް ކޮޓުން ހުކުމް ކުރިއިރު، އޭގެ ކުރިން އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، ޝަމްއާންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ކުޑަވެފައިވާކަމަށް ފެންނާތީ، ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދުމުން އެގޮތަށް މިއަދު ނިންމަވާފައިވާ ކަމަށެވެ.
ނަމަވެސް ޝަމްއާން ބަންދުން ދޫކޮށްލާފައިވަނީ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހުގައި ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ޝަމްއާން ހައްޔަރު ކޮށްފައިވަނީ ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
އެގޮތުން މި މައްސަލައިގައި މާރިޗް 20 ވަނަ ދުވަހުގެ ރޭ ތިން މީހަކު ހައްޔަރު ކޮށްފައިވެއެވެ. އެއީ ތ. ބުރުނި، މޫނިމާގެ އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަން އިސްމާއީލް، ގ. ހެޕީސައިޑް އުމުރުން 37 އަހަރުގެ އިބްރާހިމް އަހްމަދު އަދި ހަމައެގޭ އުމުރުން 47 އަހަރުގެ ހަސަން ސަހެޝާންއެވެ.
އޭގެފަހުން މާރިޗް މަހުގެ 21 ވަނަ ދުވަހުގެ ރޭ ޝަމްއާން ވަނީ ހައްޔަރު ކޮށްފައެވެ. ހަމައެއާއެކު އެ މަހުގެ 23 ވަނަ ދުވަހު މ. ހަޒާރީވިލާ އުމުރުން 40 އަހަރުގެ އަހްމަދު ލައްސާނު ވެސް ހައްޔަރު ކުރިއެވެ. މި މީހުންގެ ތެރެއިން ޝެހެޝާން ފިޔަވާ އެންމެންގެ މައްޗަށް ދައުވާ ވަނީ އުފުލާފައެވެ.
ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެވެ.
މި ދައުވާތަކުގެ ޝަރީއަތް މި އަހަރުގެ ޖޫން މަހު ފަހުކޮޅު ވަނީ ފަށާފައެވެ.
މި މައްސަލައިގައި ފުލުހުން ހިންގި ތަހުގީގާ ގުޅިގެން ހާމަކޮށްފައިވާ މައުލުމާތަށް ބަލާއިރު، މިދިޔަ މާރިޗް މަހުގެ 12 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ މުވައްޒަފުން، މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވާ އިރު އެ އޮޕަރޭޝަން ހިންގީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށެވެ. އަދި އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ވެސް ހިލާފަށެވެ.




