ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާތާ އެއް އަހަރު ދުވަސްވެފައިވާ މީޑިއާތަކަށްވެސް ދައުލަތުގެ މާލީ އެހީ ލިބޭގޮތަށް އެކަމާ ގުޅޭ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވިދާޅުވީ މިއީ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ތަންފީޒު ކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.
މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އުސޫލު އެންމެ ފުރަތަމަ އެކުލަވާލި އިރު، އެހީއަށް އެދެވޭނީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ 3 އަހަރު ވެފައިވާ މީޑިއާތަކަށެވެ. ނަމަވެސް މިއަދު އާންމުކުރި އައު އުސޫލުގެ ދަށުން، މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ރަޖިސްޓަރީކޮށް، ލައިސަންސް ލިބިގެން މެދުނުކެނޑި ހިންގަމުންދާ މީޑިއާތަކަށް މި ފުރުސަތު ލިބޭނެއެވެ.
މި ބަދަލާއެކު، ކުރިން ޝަރުތު ހަމަވި 18 މީޑިއާގެ ބަދަލުގައި، ގާތްގަނޑަކަށް 60 މީޑިއާއަކަށް ދައުލަތުގެ އެހީ ލިބޭނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ލަފާކުރެއެވެ.
އައު އުސޫލުގައި ފައިސާ ދޫކުރުމުގައި ބަލާނެ މިންގަނޑުތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މީޑިއާ ހައުސްތަކުގެ އިދާރީ މަސައްކަތްތައް ހަރުދަނާ ކުރުމާއި، އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ އިތުރުން ޕަބްލިކް ސާވިސް ކޮންޓެންޓް ނުވަތަ އާންމު ހޭލުންތެރިކަމުގެ ދާއިރާ ފުޅާކުރަން ކުރާ މަސައްކަތްތަކަށް މާކްސް ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، އެ މީޑިއާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށް ބަލައިގެންވެސް މާކްސް ދެވޭނެއެވެ.
ފައިސާ ދޫކުރުމުގެ އުސޫލަށް ގެނައި އަނެއް ލުޔަކީ، ކުރިން ތިން ފަހަރެއްގެ މަތިން ފައިސާ ދޫކުރާ ގޮތަށް އޮތް ނަމަވެސް، އާ އުސޫލުގެ ދަށުން އެހީ ލިބޭ މީޑިއާތަކަށް ކަނޑައަޅާ ފައިސާ އެއްކޮށް ދޫކުރުމަށް ވަނީ ނިންމާފައެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި މީޑިއާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 27 މިލިޔަން ރުފިޔާވަނީ ކަނޑައަޅާފައެވެ. މިއީ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ 0.1 އިންސައްތައެވެ. މި އެހީ ދޫކުރާނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުންނެވެ.
ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި އެހީގެ ސަބަބުން ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާވެ، މީޑިއާތަކުގެ ހިންގުން ކުރިއަރައިގެން ދާނެއެވެ.
މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޫކުރާ ފުރަތަމަ އަހަރެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.



