ފަލަސްތީނުގެ މަޝްހޫރު އެކްޓަރު އަދި ފިލްމު ޑައިރެކްޓަރު މުހައްމަދު ބަކްރީ އުމުރުން 72 އަހަރުގައި ނިޔާވެއްޖެއެވެ.
އޭނާ ނިޔާވެފައިވަނީ ހިތާއި ފުއްޕާމެއަށް ދިމާވި ސިއްހީ މައްސަލަތަކަކާ ގުޅިގެން ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މުހައްމަދު ބަކްރީއަކީ ފާއިތުވި ފަސް ގަރުނުގެ ތެރޭގައިވެސް ފަލަސްތީނުގައި އުފެދުނު އެންމެ ހުނަރުވެރި އެކްޓަރުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. އޭނާގެ ވަކިވުމަކީ ފަލަސްތީނުގެ ފަންނީ ދާއިރާއަށާއި އެ ގައުމުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްގެ ގޮތުގައި މީޑިއާ ރިޕޯޓްތަކުން ވަނީ ސިފަކޮށްފައެވެ.
ބަކްރީއަކީ ހަމައެކަނި ފަންނާނެއް ނޫނެވެ. އޭނާއަކީ އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް އަޑުއުފުލައި، ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގައި ނަމޫނާ ދެއްކި ޝަހުސިއްޔަތެކެވެ. އޭނާގެ މަސައްކަތްތައް ބިނާކޮށްފައިވަނީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ހާލަތު ދުނިޔެއަށް ހާމަކޮށްދިނުމަށެވެ.
މުހައްމަދު ބަކްރީ ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 2002 ވަނަ އަހަރު އޭނާ އުފެއްދި ޑޮކިއުމެންޓްރީ ”ޖެނިން ޖެނިން“އިންނެވެ. މި ޑޮކިއުމެންޓްރީއަކީ ޖެނިން ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާތަކުގައި އަނިޔާ ލިބުނު މީހުންގެ ހެކިބަހުގެ މައްޗަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.
މި ޑޮކިއުމެންޓްރީއާ ގުޅިގެން އިސްރާއީލުގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދި، ބަކްރީއަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، އެ ހުރަސްތަކާއެކުވެސް އޭނާގެ މަގުބޫލުކަން އިތުރުވެ، ފަލަސްތީނުގެ މިނިވަންކަމުގެ ރޫހު ދިރުވުމުގައި އޭނާ ދެމިހުއްޓެވެ.



