އެމެރިކާގެ މަޝްހޫރު އެއާލައިނެއް ކަމަށްވާ ސައުތުވެސްޓް އެއާލައިންސް އިން ދަތުރުކުރާ ބަރުދަން އިތުރު މީހުން ދެ ގޮނޑީގެ ޓިކެޓް ގަންނަން ޖެހޭ ގޮތަށް ހަމަޖައްސައި، އެކަމާ ގުޅޭ އާ އުސޫލެއް އިއުލާނުކޮށްފިއެވެ.
އާ އުސޫލުގައިވާ ގޮތުން، 27 ޖެނުއަރީ 2026 އިން ފެށިގެން ބަރުދަން އިތުރުވުމުގެ ސަބަބުން އިތުރު ގޮނޑިއެއް ބޭނުންވާ ފަސިންޖަރުން ދަތުރު ފެށުމުގެ ކުރިން ދެ ގޮނޑި ބުކްކޮށް ޓިކެޓް ގަންނަން ޖެހޭނެއެވެ.
މީގެ ކުރިން އެ އެއާލައިނުން އަމަލުކުރަމުން އައި އުސޫލަކީ އިތުރު ގޮނޑިއެއް ބޭނުންވާ ފަސިންޖަރުންނަށް އެ ގޮނޑި ހިލޭ ފޯރުކޮށްދިނުން ނުވަތަ ކުރިން ގަންނަ ދެވަނަ ޓިކެޓަށް ފައިސާ އަނބުރާ ދިނުމެވެ.
ނަމަވެސް، އާ އުސޫލުގެ ދަށުން ދެވަނަ ޓިކެޓަށް ފައިސާ އަނބުރާ ލިބޭނީ ވަރަށް މަދު ހާލަތެއްގައެވެ. އެއީ ދަތުރުކުރާ ފްލައިޓުން އެއް ގޮނޑި ހުސްކޮށް އޮވެފައި، ގަތް ދެ ޓިކެޓަކީ ވެސް އެއް ކެޓަގަރީއެއްގެ ދެ ޓިކެޓަށް ވާނަމައެވެ.
މި ނިންމުމާ ގުޅިގެން ބަރުދަން އިތުރު މީހުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ނޭޝަނަލް އެސޯސިއޭޝަން ފޯ އެޑްވާންސިން ފެޓް އެކްސެޕްޓެންސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑައިރެކްޓަރު ޓައިގްރެސް އޮސްބޯން ވިދާޅުވީ، މިއީ ބަރުދަން އިތުރު ވެފައިވާ މީހުންނަށް ދެވޭ ވަރުގަދަ ހަމަލާއެއް ކަމަށާއި، މީގެ ސަބަބުން އެފަދަ މީހުން މިނިވަންކަމާއެކު ދަތުރުކުރުމަށް ހުރަސް އެޅި، ލަދުވެތިކަން އިހުސާސް ކުރަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، ސައުތުވެސްޓް އެއާލައިނުން ވަނީ މީގެ ކުރިން އަމަލުކުރަމުން އައި ”އޯޕަން ސީޓިން“ ނުވަތަ ބޭނުން ގޮނޑިއެއްގައި އިށީނުމުގެ އުސޫލުވެސް އުވާލާފައެވެ.



