ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އޮޅުވާލައިގެން ކޭޕާކު ފުލެޓުތައް ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތުގައި މަންޑޭގެ އިތުރުން ޖައިޝާން ސައީދަށް ވެސް ދައުވާކުރެއެވެ. މަންޑޭއާ ދެކޮޅަށް 100 އަށްވުރެ ގިނަ ދައުވާކުރާއިރު ޖައިޝާނާ ދެކޮޅަށް 98 ދައުވާއެއް ވަނީ އުފުލައިފައެވެ.
މިދިޔަ އަހަރުގެ ޖުލައި 30ގައި ފަށައިގެން ކްރިމިނަލް ކޯޓުގައި ޝަރީއަތް މިހާރު ކުރިއަށްދާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ އަޑުއެހުމަށް މަންޑޭ ހާޒިރުވެފައެއް ނުވެއެވެ.
އެހެންކަމުން އޭނާ ހޯދައިގެން މިއަދު މެންދުރުފަހު 2:00 އަށް ކޯޓަށް ހާޒިރުކޮށްދޭން އެދި، ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.
ފުލުހުން ރޭގައި މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މަންޑޭ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
ކޭ ޕާކް ރެޒިޑެންސް ރަސްމީކޮށް އިފުތިތާހުކުރީ 2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެ ފަހުން އެ ފުލެޓުތައް ނިންމަން ތަފާތު ތާރީޚުތައް ދިން ނަމަވެސް އެ ތަނުގައި ދިރިއުޅެން ފެށޭ ވަރު ނުވެއެވެ.
އެ އިމާރާތުގެ މަސައްކަތް ކުރި ހަންބޯ ކުންފުނިން 2023 ވަނަ އަހަރު ވަނީ ކޭ ޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށް ބުނެފައެވެ. އެކަން ކުރުމުގެ ތުހުމަތުކުރެވެނީ މަންޑޭއަށެވެ. އޭނާއަކީ އެ ކުންފުންޏާ ގުޅިގެން އެ މަޝްރޫއު ހިންގި މީހާއެވެ.



