އަރައިގެން ހުރި ބޫޓުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނުމުން، ބޫޓު ތެރޭގައި އެއްޗެއް ހުރިކަން ނޭނގޭ ކަމަށާއި އެއީ އޭނާގެ އަމިއްލަ ބޫޓެއް ނޫން ކަމަށް ޝަރީއަތުގައި މީހަކު ބުނެފިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މި މައްސަލައިގައި ހައްޔަރުކުރީ، ފުވައްމުލައް ސިޓީއަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ ފިރިހެނެކެވެ.
އެ ތުހުމަތުކުރެވޭ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)އާ ހަވާލާދީ ކޯޓު އަމުރުގައި ބުނި ގޮތުގައި، މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ އަރައިގެން ހުރި ބޫޓުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ނުވަ ޕެކެޓު ފެނިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން މި މައްސަލައިގައި ހައްޔަރުކުރި މީހާ ދިފާއުގައި ބުނީ، އެ ބޫޓަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި ބޫޓު ތެރޭގައި އެއްޗެއް ހުރި ކަމެއް ނޭނގޭ ކަމަށެވެ. އަދި، ވަކީލަކު ބޭނުންނުވާ ކަމަށް ވެސް އެ މީހާ ބުނެފައިވެއެވެ.



