ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފައިވާކަން ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
މިއަހަރުގެ ޖުލައި މަހުގެ 30 ގައި ވެސް ރައީސް ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގެންނެވީ އޮގަސްޓު 5 ގައެވެ.
އޭގެ ކުރިން، މިއަހަރުގެ ޖޫން މަހުގެ 29އިން ފެށިގެން ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި އެ މަނިކުފާނު ހަތަރު ދުވަސް ހޭދަކުރެއްވިއެވެ. އަދި އެ ދަތުރުފުޅުގައި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްއާއި އެ ގައުމުގެ ވަޒީރުންނާ ރައީސް ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކޮށްފައިވެއެވެ.



